އެކަނިވެރިންނާއި ބަފައިންނަށް މިދިޔަ މަހު 15 މިލިއަން ރުފިޔާ ހަރަދުކުރި
ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މިދިޔަ މަހު 15 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ)އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު އެކަނިވެރި މައިންނާއި ބަފައިން ހިމެނޭހެން 2974 ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނެވެ.
މިދިޔަ މަހު އަލަށް އެކަނިވެރިންނާއި ބަފައިންގެ ގޮތުގައި 99 ފަރާތެއް ރަޖިސްޓްރީކުރި އިރު އަލަށް 191 ކުޑަކުދިން ރަޖިސްޓްރީ ކުރި ކަމަށް ވެސް އެންސްޕާއިން ބުންޏެވެ.
އެގޮތުން ޖުމްލަ 3066 ކުޑަކުއްޖަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިން އިރު މިދިޔަ މަހު ޖުމްލަ 15.2 މިލިއަން ރުފިޔާ އެކަނިވެރިންނާއި ބަފައިންނަށް ހަރަދުކުރި ކަމަށް ވެސް އެންސްޕާއިން ބުންޏެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވެންސް އެންސްޕާއިން ބޮޑުކުރި މިދިޔަ މަހުން ފެށިގެންނެވެ. އެގޮތުން ކޮންމެ ދަރިއަކަށް 3,000 ރުފިޔާ ދޭއިރު ހަތަރު ކުދިންނަށް ވުރެ ގިނަ ކުދިން ތިބި ނަމަވެސް ގިނަވެގެން ދޭނީ 12،000 ރުފިޔާއެވެ.


