ޚަބަރު

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދަޢުވާ ސާބިތުވި މީހަކު 75 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދަޢުވާ ސާބިތުވި މީހަކު 75 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފިއެވެ.

Ads by STELCO

ފުލުހުންގެ ޚިދުމަތުން ބުނީ، މި މަހުގެ 24ވަނަ ދުވަހު، 75 އަހަރަށް ޖަލަށް ލުމަށާއި 3 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައި ވަނީ ޏ. ފުވައްމުލައް / ދޫޑިގަން. ގަސްދޮށުގެ، ޢަބްދުލްބާސިޠު (28އ)ގެ މައްޗަށް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ނެޓްވޯކްތަކާ ދެކޮޅަށް 2024ވަނަ އަހަރު ފުލުހުން ފަށާފައިވާ ޚާއްޞަ އޮޕަރޭޝަންގެ ތެރެއިންނެވެ. 2024 އޭޕްރީލް 27ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާތީ ކަމަށާއި މި މައްސަލައިގެ ތަޙުގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ 2024 ޖޫން 11ވަނަ ދުވަހު ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ކުރަމުން ދިޔަ ތަޙުގީގުގެ ތެރެއިން، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ނެޓްވޯކްގެ އިސްފަރާތްތައް ހިމެނޭހެން، އެ ނެޓްވޯކްތަކާ ގުޅުން ހުރި 174 މީހުން އެކި ދުވަސްމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެއެވެ. އަދި އެ މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގުކުރެވި 78 މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ކަމުގެ ތުހުމަތުކުރެވޭ ދެ ނެޓްވޯކްގެ އިސްފަރާތްތަކާ މެދު ގިނަ ޢަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް ހިންގާފައިވާކަން ތަޙުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އެގޮތުން، ޢަބްދުލްބާސިޠުގެ ނަމުގައި ބެންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކަށް އެކި ފަރާތަކުން ތިންމިލިއަނަށް ވުރެން ގިނަ ދިވެހި ރުފިޔާއާއި 19ހާހަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މުއާމަލާތް ކޮށްފައިވާ ކަމަށާއި މި ފައިސާގެ މުޢާމަލާތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ފުލުހުންގެ ތަޙުގީގަށް ހޯދިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Ads by PNC