ވައި ނުސާފުވުމުގެ މައްސަލަ ހައްލުކުރަން ގައުމުތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން: ފޮރިން މިނިސްޓްރީ
ވައި ނުސާފުވުމުގެ މައްސަލަ ހައްލުކުރަން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ނުރައްކާތެރި މިންވަރަށް މުޅި ރާއްޖެއަށް ވައި ނުސާފުވުމުގެ މައްސަލަ މިފަހުން ދަނީ އިތުރުވަމުންނެވެ. އަދި އެކަމާ ގުޅިގެން މާސްކު އަޅަން ވެސް އެޗްޕީއޭއިން އޮތީ އިލްތިމާސްކޮށްފައެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވާ މައްސަލައަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭ މަށެވެ.
އެގޮތުން މި ދުވަސްވަރު ރާއްޖެއަށް ކުރިމަތިވެފައިވާ ދުންފުހުގެ ހާލަތަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ މައްސަލައެއްކަން ފާހަގަކޮށް ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވުމުގެ ސަބަބުން އާއްމުންގެ ދިރިއުޅުމަށާއި އިޤްތިޞާދާއި ސިއްހީގޮތުން ނޭދެވޭ އަސަރުތަކެއްކުރުން އެކަށީގެންވާކަމަށް މިނިސްޓްރީން ބުންޏެވެ.
"މިހެންކަމުން، ރާއްޖޭގެ ވައިގެ ފެންވަރު ރަނގަޅުކުރުމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޓަކައި ބޭރު ގައުމުތަކާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި، ސައިންޓިފިކް ދިރާސާތައް ކުރުމާއި މައުލޫމާތު ބަދަލުކުރުން އަދި ސަރަހައްދީ ގައުމުތަކާ އެކު މަޝްވަރާކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހިމެނެއެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށް ވުމާއެކު، ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ސަރުކާރުން އަބަދުވެސް އެންމެ މަތީ އިސްކަމެއް ދޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.