އަނިޔާވި ވެމްކޯ މުވައްޒަފު ވެންޓިލޭޓަރުން ނަގައިފި
މި މަހުގެ 22ވަނަ ދުވަހުގެ ރޭ ވެމްކޯގެ މާލެ ސައިޓްގައި ހިނގި ހާދިސާއެއްގައި އަނިޔާވި އެ ކުންފުނީގެ މުވައްޒަފަށް މިހާރު ފަރުވާދެނީ އައިޖީއެމް ހޮސްޕިޓަލްގެ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ)ގައި ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިއަދު މީޑިއާއާ ހާމަކުރި މައުލޫމާތުގައި ވެމްކޯއިން ބުނީ ކުރިން އޭނާއަށް ފަރުވާދިނީ ވެންޓިލޭޓަރުގައި ކަމަށާއި ނަމަވެސް ރޭ ވެންޓިލޭޓަރުން ނަގައިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި ވެމްކޯއިން ބަލިމީހާގެ އާއިލާއާ ގުޅިގެން ހުރިހާ ކަމެއް ވެސް ބަލަހައްޓަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. ހަމައެހެންމެ ބޭސްފަރުވާގެ ހުރިހައި ކަމެއް ވެސް އެ ކުންފުނިން ހަމަޖައްސާނެކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
ހަމަ އެހެންމެ ވެމްކޯގެ މުވައްޒަފެއް ބަލިމީހާގެ ޚިދުމަތުގައި އަބަދުވެސް ހޮސްޕިޓަލްގައި ޙަރަކާތްތެރިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

