ރިޕޯޓް

މި ހަނގުރާމައިން ޓޫރިޒަމަށް ކުރާ އަސަރު ބޮޑުވާނެ

ފާތިމަތު އަފްނާން ، ދެން އޮންލައިން

މާރިޗު މަހުގެ ކުރީކޮޅު މެދުއިރުމަތީގައި ފެށުނު އަސްކަރީ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ބޮޑު ލޮޅުމެއް އަރައިފައެވެ. އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އީރާނުން ވަނީ ގަލްފުގެ ސަރަހައްދުތަކަށް ރައްދު ހަމަލާތަކެއް ދީފައެވެ. މީގެ ސަބަބުން ދުނިޔޭގެ އެންމެ މުހިންމު ވައިގެ ދަތުރުފަތުރުގެ ކޮރިޑޯ ވަނީ ހުއްޓުމަކަށް އައިސްފައެވެ.

Ads by PNC

މި ހަމަނުޖެހުން ބޮޑުވެގެން ދިޔައީ 28 ފެބުރުވަރީ 2026ގައި އެމެރިކާއާއި އިސްރާއީލުން އީރާނުގެ މިސައިލް އަދި ވައިގެ ދިފާއީ ނިޒާމުތަކަށް އަމާޒުކޮށް ހަމަލާ ދޭން ފެށުމުންނެވެ. މީގެ ރައްދުގައި އީރާނުން ދިން 'ޓްރުތްފުލް ޕްރޮމިސް 4' ހަމަލާތަކުގައި ޔޫ.އޭ.އީ، ގަތަރު، ބަހްރޭން އަދި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަނީ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.

ދުނިޔޭގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓް ކަމަށްވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައެވެ. އެ ހަމަލާތަކުގައި އެއަރޕޯޓްގެ ހަތަރު މުވައްޒަފަކަށް ވަނީ އަނިޔާވެފައެވެ. އަދި އަބޫދާބީގެ ޒައިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ޑްރޯން ހަމަލާއެއްގައި އެކަކު މަރުވެ ހަތް މީހުންނަށް އަނިޔާވުމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ މެދުކަނޑާލައިފައެވެ. މި ތަންތަނަށް ލިބުނު ގެއްލުމުގެ އިތުރުން މުޅި އިންޑަސްޓްރީއަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑެވެ. އަދި މިކަމުގެ ގެއްލުން އިންތިހާއަށް ރާއްޖެއަށް ބޮޑެވެ. މިހާތަނަށް ރާއްޖޭގައި އެކަނި ވެސް 1000އަށް ވުރެ ގިނަ ޓޫރިސްޓުން ތާށިވެފައި އެބަތިއްބެވެ.

ޓޫރިޒަމް ސިނާއަތުގެ އިސް ފަރާތެއް ކަމަށްވާ އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި މިހާލަތުގެ ސަަބަބުން ދުވާލެއްގެ މައްޗަށް 1.5 މިލިއަން ޑޮލަރުގެ ގެއްލުމެއް ޓޫރިޒަމަށްވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 1 މާރިޗު 2026 ގެ ހެނދުނާ ހަމައަށް އީރާން، އިސްރާއީލް، އިރާގު، އުރުދުން، ގަތަރު، ބަހްރޭން، ކުވެއިތު އަދި ޔޫ.އޭ.އީގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. މީގެ ސަބަބުން އެމިރޭޓްސް، ގަތަރު އެއާވޭސް އަދި އިއްތިހާދު އެއާވޭސް ފަދަ އެއާލައިންތަކުގެ 1،800އަށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ދުބާއީ، ދޯހާ އަދި އަބޫދާބީ ހަބްތައް މެދުވެރިކޮށް ދުވާލަކު ގާތްގަނޑަކަށް 90،000 ފަސިންޖަރުން ދަތުރުކުރެއެވެ. މި އޮޕަރޭޝަންތައް ހުއްޓުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު ވަނީ ތާށިވެފައެވެ. އެކަނި ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް 200،000އަށް ވުރެ ގިނަ ފަސިންޖަރުން ވަނީ ތާށިވެފައެވެ.

މި ހަމަނުޖެހުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ބްރެންޓް ކުރޫޑް ތެޔޮ ފީފާއެއްގެ އަގު 72.50 ޑޮލަރަށް އުފުލިފައިވާ އިރު، މިއީ ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ތެލުގެ އަގު އެންމެ މަތިވި ފަހަރެވެ. މީގެ ސަބަބުން އެއާލައިންތަކުން ޓިކެޓުގެ އަގު 6 އިންސައްތައާއި 8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކުރާނެ ކަމަށް ބެލެވެއެވެ.

  1. އިބޫ

    ކޮވިޑަށްވުރެ ބޮޑެއް ނުވާނެ. އެއްޗެކޭ ކިޔައިން ފައިސާ ޗާޕުކުރަން ތިއުޅެނީ

  2. މަހަށްދޭބަލަ

    އެމެރިކާގެ މަނަވަރަކަށޭ އިރާނުން ހަމަލާދީގެން އުޅެނީ އަދި އެކަން ފަޅާ އަރާނެ މިރޭ އެމެރިކާގެ އަބްރަހަމް ލިންކަން އަށް ދިން ހަމަލާ ގައި އެމެރިކާގެ އެތައް ސިފައިންނެއް ވަނީ މަރުވެފައޭ އެމަނަވަރު ގަނޑު ދަނީ ކަނޑުގެ އަޑިއަށް ފެތެމުން ހޮރުމޫޒު ކަނޑުއޮޅީގައި އެމެރިކާގެ މަނަވަރުތައް ތާށިވެފައި ތިބީ އެމެންނަށް ނިކުންނަން ވެސް ނޭގެއޭ މިހާރު ޓްރަމްޕް ބޭނުންވަނީ ސުލްހް ވާހަކަ ދައްކާށޭ ކިޔައިގެން ޕްރޮޕެގެންޑާ ފަތުރަނީ އެމެރިކާ ޖަނގިޔާޒް ދަ ބޭލޭނެ މިފަހަރު ޓްރަމްޕް ދެ ފައި ދަނޑިއަށް ކޮއްޅަށް ހުއްޓާ ސީލެވޭ ވަރުކުރާނެ މިފަހަރު އިރާނުން ޓްރަމްޕް މަހަށްދޭބަލަ

  3. ތަމެންދޯ

    މީ ސީދާ ސައުދީ އެރެބިޔާ ޔޫއޭއީ އަދި ގަތަރު އަދި އުރުދުން އިން ފަންޑްކޮށްގެން އެމެން އަޑީގައި ތިބެގެން ހިންގާ ހަނގުރާމަ ތަކޭ… ތައް ކުށްވެރި ކުރަނީ އިރާނުން އެމެރިކާގެ ބޭސް ތަކަށް ހަމަލާ ދިނީމާ ދޯ ކޮންމެހެން އެމެރިކާގެ ބޭސް ތައް ތަމެންގެ ގައުމު ގައި ހުންނަން ޖެހޭތޭ ……….