ހުޅުމާލެއިން ގޯތި ލިބުނުކަމަށް ބުނެ، އޮޅުވައިލި 12 މީހަކަށް ދަޢުވާކުރަނީ
"ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައި ނުވަނީސް ގޯތި ލިބުނުކަމަށް ބުނެ، އޮޅުވާލައިގެން ޞައްޙަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި 12މީހަކަށް ދަޢުވާ ކުރުމަށް ފޮނުވައިފިއެވެ.
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)އިން ބުނީ، "ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިނުވާ މީހުން ގޯތި ލިބުނު ކަމަށް ދައްކައި، ޞައްޙަ ނޫން ލިޔެކިޔުންތަކެއް އުފައްދައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ހުށަހަޅާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ކުށުގެ ދަޢުވާ ގ. ޕޫލްބަހާރުއާގެ / އަޙްމަދު ޢަތީޤް ޢަބްދުالله އަދި ނ ވެލިދޫ، ޑޭޒީމާގެ އަޙްމަދު މާޒިންގެ މައްޗަށް އުފުލާފައިވާ ކަމަށެވެ.
މި މީހުންގެ މައްޗަށް ދަޢުވާކޮށްފައި ވަނީ، "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ އަދި ގުޅީފަޅުން ބިން ދޫކުރުމަށް ފޯމު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލި ދުވަސްވަރު، އާންމުން ހުށަހެޅި ފޯމުތަކުގެ މަސައްކަތް ކުރުމުގައި އުޅެމުން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްޤުވެރިކަން އެނގޭނެ ޞައްޙަ ނޫން ރަޖިސްޓްރީގެ އިތުރުން އެއްބަސްވުން އުފައްދާފައިވާތީ ކަމަށް ޕީޖީން ބުނެއެވެ.
މީގެ އިތުރުން މ. ފަޅުމަތީގެ، އަރުޝަދު ޢަލީގެ މައްޗަށް އުފުލާފައި ވަނީ ޞައްޙަ ނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.
"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާކަން ދައްކައި، އެ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ހޯދުމުގެ ގޮތުން، އެ ގޯތީގެ ސައްޙަ ނޫން އެއްބަސްވުމާއި، ސައްޙަ ނޫން ރަޖިސްޓްރީ ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަންއަށް ހުށަހަޅާފައިވާ ނުވަ މީހެއްގެ މައްޗަށް ވެސް ވަނީ ދަޢުވާ އުފުލައިފައެވެ. އެ މީހުންނަކީ:
- ސ. ހިތަދޫ، ހަޒާރުމާގެ، މަރްޔަމް ސާޢީ
- މ. ޒޭވަރު، މުޙައްމަދު ފަޟީލް ރަޝީދު
- ޏ. ފުވައްމުލައް، ދޫޑިގަން، ދިލް، އީމާ ވަހީދު
- ދަފްތަރު. ނަންބަރު ރސ 9044، ޢާއިޝަތު މަޢުރޫފާ
- ހުޅުމާލެ. ފްލެޓް ނަންބަރު 02-ޖީ- 46، މުޙައްމަދު އާދަމް
- ހއ. ދިއްދޫ، ޖަމީލާ، ޢަބްދުލްމަޖީދު މާހިރު
- މ. ވެސްޓްކޯސްޓް، ޙުސައިން ޒާހިރު ޒައިން
- މ. ފަޅުމަތީގެ، އަޝްހަދު ޢަލީ
- މ. ފަޅުމަތީގެ، އަޙްމަދު ޢަލީ
މި ސްކީމާ ގުޅޭ މައްސަލައިގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭތީ، އެ ބައިތައް ވަކި މައްސަލައެއް ގޮތުގައި އެންޓި -ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ ކަމަށާއި އެ މައްސަލައިގެ ތަޙުޤީޤު ނިމުމުން ދަޢުވާ ކުރުމާ މެދު ޕީޖީއިން ގޮތެއް ނިންމާނެ ކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ.