ޚަބަރު

ކާބޯތަކެއްޗާއި ތެލާއި ގޭހަށް ނުޖެހޭނެ ގޮތްތައް ހޯދާނަން: ސައީދު

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ޕްރެސްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި ރާއްޖެއަށް ކުރާނެ އަސަރު ކުޑަކުރުމުގެ ގޮތުން، ކާބޯތަކެއްޗާއި ތެލާއި ގޭސް ރާއްޖެއަށް ގެނެވޭނެ އިތުރު މަގުތައް ހޯދަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by PNC

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގައި މުދާ އުފުލާ މުހިންމު ބައެއް ކަނޑުއޮޅިތައް ބަންދުކުރުމުގެ އަސަރު ދުނިޔޭގެ ބާޒާރަށް ކުރަމުންދާ ކަމަށެވެ.

އެހެން ނަމަވެސް ރާއްޖެއަށް އޭގެ އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

"ފުޑް، ފިއުލް އަދި އެއްވެސް ކޮމޯޑިޓީއެއްގެ ޗެލެންޖެއް އިރާދަކުރެއްވިއްޔާ ކުރިމަތިވިޔަ ނުދޭނަން،" ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ މެދުކެނޑުމެއް ނެތި ރާއްޖެއަށް އަސާސީ މުދާ ގެނެވޭނެކަން ކަށަވަރުކުރުމުގެ އިތުރުން, ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިންނާ އެކު ރާއްޖޭގެ ޖުމްލަ އާބާދީއަށް ބޭނުންވާ އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި މުދަލުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

އިޒްލޭރާއި އެމެރިކާއިން މިދިޔަ ހޮނިހިރު ދުވަހު އީރާނަށް ދިން ހަމަލާއާ ގުޅިގެން ފެށުނު މި ހަނގުރާމައިގެ ސަބަބުން މިހާރު ވެސް ދުނިޔޭގެ ބާޒާރުގައި އަގުތައް ދަނީ އުފުލެމުންނެވެ. ހާއްސަކޮށް ތެލުގެ އަގަށް ދަނީ ބަދަލު އަންނަމުންނެވެ.

އެހެން ނަމަވެސް. މުދާ ލިބުމުގެ ދަތިތަކުގެ އިތުރުން ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުގެ ނޭދެވޭ އަސަރު ރާއްޖެއަށް ނުކުރާނެ ގޮތްތައް ހޯދަމުން އަންނަކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!