ޚަބަރު

ފަރުހާދުގެ މައްޗަށް ކުރާ ތުހުމަތުތައް ސާބިތެއް ނުވޭ: މިނިސްޓަރު

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ޑީސީޕީ ފަރުހާދު ފިކުރީ --

މަގާމުގެ ނާޖައިޒު ބޭނުން ހިފިކަމާއި ދަރިފުޅުގެ މައްޗަށް ތުހުމަތު ކުރި މައްސަލަތަކެއްގެ ހެކި ނައްތާލަން އުޅުނުކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުނުވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Ads by Allied

ފަރުހާދުގެ މައްޗަށް ކުރަނީ ފެބްރުއަރީ 27، 2025ގައި އޭނާގެ ފިރިހެން ދަރިފުޅު މަސްތުގެ ހާލަތުގައި ހުރެ ފުލުހަކަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކުރުމުން، ފަރުހާދުގެ ނުފޫޒުން އޭނާ ސަލާމަތް ކުރުމުގެ ތުހުމަތެވެ. އަދި ފިރިހެން ދަރިފުޅަށް ކުރާ ރޭޕާއި ޖިންސީ ގޯނާގެ މައްސަލައެއްގެ ހެކި ނައްތައިލި ކަމުގެ ތުހުމަތު ވެސް ކޮށްފައިވެއެވެ.

އެ ތުހުމަތުތައް އެހެން އޮއްވައި ފުލުހުންގެ އިދާރީ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ ފަރުހާދާއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގެ ގާނޫނުގައި މީހެއްގެ މައްޗަށް ތުހުމަތެއް ކުރުމުން އަމަލު ކުރަން ޖެހޭ ގޮތަށް ފަރުހާދާ މެދު ވެސް އަމަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ތުހުމަތުތައް ސާބިތުވެ، ފިޔަވަޅެއް އަޅާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެއިން އެއްވެސް މުއައްސަސާއަކުން ފަރުހާދާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅެއް ކަމަށް އަދި ތަނުން ވަކިކުރުމަށް ނުވަތަ ޕްރޮމޯޝަން ހިފެހެއްޓުމަށް ކަނޑައަޅުއްވާފައެއް ނެތް. އެ މައްސަލަތައް ތަހުގީގުކޮށް ބެލި އެ މައްސަލަތަކަކީ ފަރުހާދުގެ މައްޗަށް ސާބިތުނުވާ މައްސަލަތަކެއް ކަމަށް ވަނީ ކަނޑައަޅާފައި،" އިހުސާން ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވެފައި ވަނީ ކޮންމެ މީހަކަށް ވެސް ފިޔަވަޅެއް އަޅަންޖެހޭ ނަމަ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެން ނަމަވެސް ފިޔަވަޅު އަޅަން ނުޖެހޭ ހާލަތެއްގައި ބޭއިންސާފުން ފިޔަވަޅު ނޭޅޭނެކަމަށް ވެސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!