ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ބިނާކުރަނިވި މަސައްކަތްކުރަން އިތުރު ވަގުތު ލިބޭނެ: މިނިސްޓަރު
ރިޔާސީ އަދި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުން ބިނާކުރަނިވި މަސައްކަތްކުރަން އިތުރު ވަގުތު ލިބޭނެކަމަށް ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއްދުވަހެއްގައި ދެ އިންތިހާބު ބާއްވަނީ އެކަމަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވާތީ ކަމަށެވެ. އަދި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކެމްޕޭނުގެ ދުވަސްވަރު އެކަމަކަށް ހުސްވެގެން ތިބޭ ތިބުމުގެ ބަދަލުގައި ބިނާކުރަނިވި މަސައްކަތް ކުރަން އިތުރު ވަގުތު ލިބިގެންދާނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
''އެއް ދުވަހު, އިންތިހާބު އެޑްމިނިސްޓްރޭޓިވް މަސައްކަތް ފަސޭހަކުރުމަށް މި ބޭއްވޭ ބޭއްވުމަކީ ވަރަށް ހަރުދަނާ އަދި ރާއްޖޭގެ ހިންގުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް'' މިނިސްޓަރ ވިދާޅުވިއެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައި ބިލެއް ފާސްކޮށް އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވައިފައެވެ. ނަމަވެސް ދެ އިންތިހާބު އެއްކޮށް ބޭއްވުމުގެ ކުރިން އާންމު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެއެވެ.
އެ ވޯޓް، އަންނަ އޭޕްރީލް މަހު، ލޯކަލް ކައުންސިލް އިންތިހާބު ބާއްވާއިރު ނަގަން އިލެކްޝަންސްއިން މިހާރު ވަނީ ނިންމައިފައެވެ.