އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި އަށް މީހަކަށް ދައުވާ އުފުލައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން ޑޮލަރާއި އެހެނިހެން ފައިސާ ފޭރުނު މައްސަަލައިގައި އަށް މީހަކަށް ދައުވާ އުފުލައިފިއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 27ވަނަ ދުވަހު އެ ފައިސާތައް ބަޔަލު ފޭރުނީ ވީއައިއޭގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރުދައްކައި އެ ސްޓާފުން ގެންގުޅުނު ސްޓޫ ކޭސްތައް ޖަހައިގަނެގެންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ގިނަ ދައުވާތައް ކޮށްފައިވަނީ ތިން މީހެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ
ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލް
ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު
ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު
އެ މީހުންގެ ތެރެއިން އަފްޒަލްއާއި މާހިދުގެ މައްޗަށް ވަނީ ފޭރުމާއި ތޫނު އެއްޗަކުން ބިރު ދެއްކުމުގެ ދައުވާ ކޮށްފައެވެ. އަދި އައްވަލުގެ މައްޗަށްކުރީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގައި ހިމެނޭ އިތުރު ފަސް މީހުންގެ މައްޗަށް ކުރީ ފޭރުމުގައި އެކި ގޮތްގޮތުން ބައިވެރިވިކަމުގެ ދައުވާއެވެ.
އެ ފަސް މީހުންނަކީ
- ކ. ގުރައިދޫ، އަޅިވިލާގެ، ހުސެއިން ޝަހުދު
- ލ. މާވައް، ރޭޝަމް، މާޒިން މޫސާ
- މ. ކޯރަސް، އަހުމަދު ރައިހާން ނައީމް
- ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް
- ރ. މަޑުއްވަރި، މީޒާން، އިސްމާއިލް ސިރްހާން
ފޭރުނު ސޫޓް ކޭސްގައި 106,120ޑޮލަރާއި އަދި އެހެން ގައުމުތަކުގެ ވެސް ގިނަ އަދަދެއްގެ ބޭރު ފައިސާ ހުއްޓެވެ.
ފޭރުމުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދައުވާ ލިބޭ މީހުންއަތުން ނަގައިދިނުމަށް ވެސް ޕީޖީން ކޯޓުގައި ވަނީ އެދިފައެވެ.