ޖަނަވާރުންނަށް ހާނިއްކަކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު!
ޖަނަވާރުންނަށް ހާނިއްކަކޮށް، މެރުން ފަދަ އަމަލުތައް ހިންގާ މީހުން ޖޫރިމަނާކޮށް އަދި ޖަލަށްލުން ފަދަ ހަރުކަށި ގާނޫނީ ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު، އެނިމަލް ވެލްފެއާ މިނިސްޓްރީން ދީފިއެވެ.
ހއ. ހޯރަފުށީގައި އިއްޔެ ބުޅަލެއް ދަންޖައްސައި މަރާލި މައްސަލަ ފެންމަތިވެފައި ވަނިކޮށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ފަހަކަށް އައިސް ބައެއް ފަރާތްތަކުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި، ހާނިއްކަކުރުމާއި މަރާލުމާއި އެތަކެއްޗަށް އަޅާނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.
ޖަނަވާރުންނަކީ ވޭނާއި ބިރާއި ތުރާ އިހުސާސް ކުރެވޭ ، ފުރާނަ ހުރި މަހުލޫގުން ކަމަށާއި، އެތަކެއްޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތު ކަމުގެ ގޮތުންނާއި ދީނީ ގޮތުން އަދި ގާނޫނީ ގޮތުން ވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއްކަން މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.
އެގޮތުން ދާދިފަހުން އަމަލުކުރާންފެށި "ޖަނަވާރުން ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު" ގެ ދަށުން، ޖަނަވާރުންނަށް އަސާސީ ހައްގުތަކެއް ލިބެން ޖެހޭކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެއީ؛
- ހައިހޫނުކަމާއި، ކަރު ހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން
- ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުން މިނިވަންކަން
- ޖިސްމާނީ ގޮތުން އަރާމު ނުލިބުމުން މިންޖުވުމުގެ މިނިވަންކަން
- ވޭނާއި ހާނީއްކައާއި ބަލިން މިންޖުވުމުގެ މިނިވަންކަން
- އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން
އެ ގާނޫނުގެ ދަށުން، އިންސާނިއްޔަތު ކަމެއް ނެތި، ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ މީހުން ކުރާ އަމަލުގެ ކުޑަ ބޮޑުމިނަށް ބަލައި، 5000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އަދި ގޭގައި ގެންގުޅޭ ޖަނަވާރުތައް، އެއްވެސް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލާ މީހުން 5000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.