ޖިންސީ ގޯނާގެ މައްސަލައިގައި ސަނީ އުމަރަށް ދައުވާކޮށްފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، އިވެންޓް އަދި ޓްރެވެލް ދާއިރާގައި މަޝްހޫރު ހުސައިން ސަނީ އުމަރުގެ މައްޗަށް 44އަހަރުގެ ޖަލު ހުކުމެއް އައިސްދާނެ ފަދަ ދައުވާތަކެއް އުފުލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އޮފީހުން ސަނީގެ މައްޗަށް އުފުލާފައި ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ 3ދައުވާއާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.
ޕީޖީ އޮފީހުން ބުނީ ޖިންސީ ކުށުގެ ދައުވާތައް އުފުލާފައި ވަނީ ކުޑަކުއްޖެއްގެ އުމުރުން 7އަހަރުވުމުގެ ކުރިން ފެށިގެން 2025އަހަރުގެ އޮގަސްޓް މަހާ ހަމައަށް އެކި ދުވަސްމަތިން، އެކި ތަންތަނުގައި އެކުއްޖާއަށް ޖިންސީ ގޯނާކޮށް، އެކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލާފައިވާތީ ކަމަށެވެ.
ޖިންސީ ކުށުގެ އިތުރު ދައުވާތައް އުފުލާފައި ވަނީ ކުޑަކުއްޖެއްގެ އުމުރުން 10ނުވަތަ 11އަހަރުގައި އެކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލިކަމުގެ ތުހުމަތުގައެވެ. އަދި، ތިންވަނަ ދައުވާ އުފުލީ ކުޑަކުއްޖެއްގެ އުމުރުން 9ނުވަތަ 10އަހަރުގައި އެކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލިކަމުގެ ތުހުމަތުގައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އޭނާގެ މައްޗަށް އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އޭނާގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ހުރިކަމަށް ތުހުމަތު ކުރެވިގެން، ފޯނު ހަވާލުކުރަން ކޯޓުން އަމުރު ނެރުމުން ވެސް ފުލުހުންނާ ހަވާލުކޮށްފައި ނުވާތީ ކަމަށެވެ.
އަދި ފަހު ދައުވާ އުފުލާފައި ވަނީ އޭނާގެ ފޯނުގައި ބޭނުންކުރި ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭ ގޮތުން ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީއެވެ.
މި މައްސަލަތައް ސާބިތުވެއްޖެ ނަމަ ސަނީގެ މައްޗަށް މަދުވެގެން 44އަހަރުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.