މަޖިލީހުގެ ވަކި ޕަސެންޓެއް 30 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަ ކުރަނީ
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރުންގެ ވަކި ޕަސެންޓެއް 30އަހަރުން ދަށުގެ ޒުވާނުންނަށް ކަނޑައެޅުމަށް ދިރާސާތަކެއް ހަދަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމާއި ގާނޫނުއަސާސީއަށް މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނަގާ ރިފަރެންޑަމްއަކީ އޭގެތެރެއިން އެއް މަސައްކަތް ކަމަށެވެ.
އޭގެއިތުރުން، މަޖިލީސް މެންބަރުންގެ އަދަދު އިތުރުކުރުން ހުއްޓުވަން ހުށަހަޅާ އިސްލާހާއެކު ވަކި ޕަސެންޓެއްގެ މެންބަރުންނަކީ އުމުރުން 30އަހަރުން ދަށުގެ ޒުވާނުންނަށްވުމާއި، ވަކި އަދަދެއްގެ އަންހެން މެންބަރުންވެސް ތިއްބަވާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު ކައުންސިލްތަކުގައި އޮވޭ އަންހެނުންނަށް ވަކި އަދަދެއް ކަނޑައެޅިފައި. އެކަމަކު އެމްޕީސްއަކަށް ނޯވޭ. އެކަން ކުރަން މިއުޅެނީ."ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެއްބުރު އޮންނަ ގޮތަށް ޕްރިފަރަންޝިއަލް ވޯޓިންއަކަށް ދިއުމާ ގުޅޭ ކަންކަންވެސް ސަރުކާރުން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.