ޚަބަރު

ރިޔާސީ ދައުރު ދަންމާލަން އުޅޭ ވާހަކަ ދޮގުކުރައްވައިފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު --

ސަރުކާރުން ރިޔާސީ ދައުރު ދަންމާލަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ދާވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފިއެވެ.

Ads by Allied

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އަންނަ މަހުގެ 4 ވަނަ ދުވަހު ނަގާ ވޯޓަށް އިދިކޮޅު އެމްޑީޕީން ދަނީ ދެކޮޅު ހަދަމުންނެވެ. އެޕާޓީން ތުހުމަތު ކުރާ ގޮތުގައި، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި ސަރުކާރުން މަސައްކަތް ކުރަނީ ރިޔާސީ ދައުރުވެސް ދިގު ކުރުމަށެވެ.

ރޭ ޒުވާނުންނާއެއްކޮށް ރައީސް ބޭއްވި ޕެނަލްގައި އެމަނިކުފާނު ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި އެކަހަލަ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.

"އަޅުގަނޑު ހިތަށްއަރާ ކޮން ގައުމެއްގަބާއޭ އަޅުގަނޑުމެން މިއުޅެނީ، ގައުމުވެސް މި ގައުމުގައި ނަގަން މިއުޅޭ ވޯޓަކީ އެކަހަލަ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ މަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރިޔާސީ ދައުރު ދިގު ކުރާ ވާހަކަ ނުވަތަ ކުރު ކުރާ ވާހަކަވެސް ނޯންނާނެ ކަމަށެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ވޯޓަކަށް ދާން ޖެހެނީ، ހަރަދުތައް ކުޑަކުރުމުގެ އިތުރުން އެއް ބަޔަކަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުން ނިމުމަކަށް ގެނައުމުގެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.