ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 1،190 ފްލެޓުގެ ޢަމަލީ މަސައްކަތް ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ތެރެއިން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 1،190 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

Ads by PNC

މި ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން މި މަސައްކަތް ފައްޓަވައިދެއްވުމުގައި ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރާއި ޗެއަރޕާސަންގެ އިތުރުން ކޮންޓްރެކްޓަރު ކަމަށްވާ ބީޔޫސީޖީގެ އިސް މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރު ޑރ. މުއްޠަލިބު ވަނީ، މާލޭގައި ދަތި ހާލުގައި ދިރިއުޅެމުންދާ ނިކަމެތި އާއިލާތަކުގެ ހާލަތު ސީދާ ގާތުން ފެނިވަޑައިގެންފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ސަރުކާރުން އެފަދަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށާއި، ފޯމު ފުރުން ފަދަ އިދާރީ ކަންކަން ނޭނގުމުގެ ސަބަބުން އެއްވެސް ރައްޔިތަކު ބާކީވިޔަ ނުދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، ޙައްޤުވެރިން ހޯދައި، އެމީހުންގެ ހާލަތު ވަޒަންކުރުމަށްފަހު އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު ކަމަށެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ސިޔާސަތު ވަރަށް ހަލުވި ދުވެއްޔެއްގައި ތަންފީޒުވަމުން އަންނަ ކަމަށެވެ. އަދި އެކި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ހެޔޮ އަގެއްގައި މިހާ ހަލުވިކަމާއެކު މީގެ ކުރިން ފްލެޓު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގޮސްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، މި މަޝްރޫޢު އެއްކޮށް ނިންމައިލެވޭނެ ކަމަށް ލަފާކުރެވެނީ 2028ވަނަ އަހަރުގެ މެދުތެރޭގައެވެ. މިއީ އެތައް ހާސް ދިވެހި އާއިލާތަކަކަށް އުފާވެރިކަމާއި އުންމީދު ގެނެސްދޭނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ބީއެމްއެލް މެދުވެރިކޮށް ހުޅުމާލޭގައި ކުރިއަށްގެންދާ މި ބޮޑު މަޝްރޫޢުގެ ތެރެއިން 182 ޔުނިޓެއްގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، ބާކީ ހުރި ޔުނިޓުތަކުގެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

Ads by Allied Insurance