މިހާރު އަޅަމުންދާ ކައުންސިލްތަކުގެ މަސައްކަތާ ދޭތެރޭ ހިތްހަމަ ޖެހޭ: މިނިސްޓަރު
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މިހާރު އަޅަމުންދާ ކައުންސިލްތަކުގެ މަސައްކަތާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށް ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ފަންސާސް ފަސް ކައުންސިލްއެއް އިމާރާތްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ އިރު އެ ތަންތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލުވުމަށް ބައެއް ރަށްރަށަށް މިނިސްޓަރު މި ވަގުތު ދަނީ ދަތުރުކުރައްވަމުންނެވެ.
އެ ދަތުރުގެ ތެރެއިން ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ދަތުރުގެ ސަބަބުން ކައުންސިލް އިދާރާގެ އެތެރޭގެ ތަރުތީބު ކުރުންތައް އިތުރަށް ފުރިހަމަ ކުރުމަށް މަގުފަހިވި ކަމަށެވެ.
"ކައުންސިލް އިދާރާތައް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ހިތްހަމަ ޖެހޭ"މިނިސްޓަރު ވިދާޅުވިއެވެ.
ލޯކަލް ގަވާމަންޓް މިނިސްޓްރީން ބުނީ ކައުންސިލް އިދާރާގެ މަސައްކަތް ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް ބާރަށް ކުރިއަށްދާއިރު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
އަލަށް ޢިމާރާތްކުރެވޭ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައެވެ. އެ ތަންތަން ކައުންސިލްތަކާ ޙަވާލުކުރާނީ ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކުގައެވެ.