ޚަބަރު

ފަހި ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް ކުރީގެ ރައީސް ޞާލިޙް ސަރުކާރަށް ގޮވާލައްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފްލެޓްތަކުގެ ކުލި ހެޔޮކޮށްދިނުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސަރުކާރަށް ގޮވާލައްވައިފިއެވެ.

Ads by PNC

ރޭ އެމްޑީޕީން ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައީސް ޞާލިޙް ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ ކުލިން ބައެއް އުނިކޮށްދިން ގޮތަށް، ދައުލަތުގެ މާލީ ތަނަވަސްކަން ހުރިނަމަ އެފްޑީސީގެ ފްލެޓްތަކުން ވެސް ރައްޔިތުންނަށް ލުއިގޮތްތަކެއް ހަމަޖައްސައިދީ ކުލި ކުޑަކޮށްދިނުމަށް އެދޭ ކަމަށެވެ.

އެމްޑީޕީ ސަރުކާރުން އިމާރާތްކުރި 4،000 ފްލެޓްގެ މާލީ ތަފްސީލްތަކަށް އަލިއަޅުއްވާލައްވަމުން ޞާލިޙް ވިދާޅުވީ، އޭގެކުރީގެ ސަރުކާރުން އެޅި ހިޔާ ފްލެޓްތަކަށް 95،000 ޑޮލަރު ޚަރަދުވި ނަމަވެސް، އެމްޑީޕީގެ މަޝްރޫޢުގައި ކޮންމެ ފްލެޓަކަށް ޚަރަދުވެފައި ވަނީ ގާތްގަނޑަކަށް 75،000 އެމެރިކާ ޑޮލަރު ކަމަށެވެ.

އެހެންކަމުން، އޭރު ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 6،000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް 8،000 ރުފިޔާ ކަނޑައެޅީ، މަޝްރޫޢުގެ ހިންގުމުގެ ޚަރަދަށް ރިޢާޔަތްކުރުމަށް ފަހު ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ހޯދަވައިދެއްވުމަށް އެމަނިކުފާނުގެ ޒައާމަތުގައި ނުހަނު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

Ads by Allied Insurance