ހުޅުމާލެ ހޮސްޕިޓަލުން އެކި ދުވަސް މަތިން ވައްކަންކުރި މީހަކު އަތުލައިގަނެފި
ހުޅުމާލެ ހޮސްޕިޓަލަށް އެކި ދުވަސް މަތިން ވަދެ، ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަގަށް ނެގިކަމުގެ ތުހުމަތުގައި، އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، އެ އިދާރާއަށް މާރިޗު މަހުގެ 22ވަނަ ދުވަހު ހުށަހެޅުނު މި މައްސަލައާ ގުޅިގެން، އެ މަހުގެ 29ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ މާލެ، މއ. ވިނަރެސް، ޙުސައިން ޝިހާމް ކަމަށެވެ. އަދި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓު ބަލައި ފާސްކުރި އޮޕަރޭޝަނުގައި، ހޮސްޕިޓަލުން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ގިނަ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އޭގެ ތެރޭގައި ޕްރިންޓަރުތަކާއި، ކޮމްޕިއުޓަރު ސިސްޓަމްތަކުގެ އިތުރުން ވެސް އޮފީސް ބޭނުންތަކަށް ގެންގުޅޭ އެހެނިހެން މުހިންމު އާލާތްތައް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ޝިހާމްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ވަނީ އަމުރުކުރައްވާފައެވެ. އަދި މި ވައްކަމުގެ މައްސަލައިގެ އިތުރު ތަފްސީލުތައް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ވެސް ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.