ޚަބަރު

މީޓަރުތައް މަރާމާތުކުރުމަށްޓަކައި މިރޭ ބައެއް ހިޔާ ޓަވަރުތަކުން ފެން ކަނޑާލަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްގީކުރި ހިޔާ ޓަވަރުތައް

ހިޔާ ފްލެޓްތަކުގެ މީޓަރު ރޫމްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ކުރިއަށްގެންދާ މަރަމާތުގެ މަސައްކަތްތަކަކާ ގުޅިގެން، މިރޭ މެންދަމު އެ ސަރަހައްދުގެ ބައެއް ޓަވަރުތަކުން ފެނުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑޭނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

Ads by Allied

އެމްޑަބްލިއުއެސްސީން މައުލޫމާތު ދީފައިވާ ގޮތުގައި، ފެން ކަނޑާލުމުގެ މަސައްކަތް ކުރިއަށްގެންދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން، އެންމެ ފުރަތަމަ ފެން ކަނޑާލުމަށް ހަމަޖެހިފައި ވަނީ ހިޔާ 2ވަނަ ޓަވަރުގެ ގްރައުންޑް ފްލޯއިން ފެށިގެން އަށްވަނަ ފަންގިފިލާއާ ދެމެދުން، މިރޭ މެންދަމު 00:00އިން 00:30އަށެވެ. ދެވަނައަށް މަސައްކަތް ކުރާނީ 7ވަނަ ޓަވަރުގައެވެ. އެ ޓަވަރުގެ އަށްވަނަ ފަންގިފިލާއިން ފެށިގެން 16ވަނަ ފަންގިފިލާއަށް ފެން ނުލިބޭނީ މެންދަމު 00:30އިން 01:00އަށެވެ. މީގެ އިތުރުން، 10ވަނަ ޓަވަރުގެ އަށްވަނަ ފަންގިފިލާއިން ފެށިގެން 16ވަނަ ފަންގިފިލާއަށް ފެނުގެ ޚިދުމަތް މެދުކެނޑޭނީ މެންދަމު 01:00އިން 01:30އަށެވެ.

މި ޓަވަރުތަކުގެ އެކި ފަންގިފިލާތަކުން ފެން ކަނޑާލާނީ ގާތްގަނޑަކަށް ބައިގަޑިއިރެއްހާއިރަށެވެ. މިއީ މުސްތަޤުބަލުގައި ފެނުގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ބޭނުމުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތެއްކަމަށް ފެން ކުންފުނިން ފާހަގަކުރެއެވެ.

ފެން ކަނޑާލާ ވަގުތުތަކުގައި އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީން ވަނީ މާފަށް އެދިފައެވެ. އަދި ހިޔާ ފްލެޓް ސަރަހައްދަކީ ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާ ތަނަކަށްވުމާ އެކު، ފެން ނުލިބޭނެކަމަށް ކަނޑައަޅާފައިވާ ގަޑިތަކަށް ދުރާލާ ސަމާލުވެ ތައްޔާރުވެ ތިބުމަށް އެ ކުންފުނިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

Ads by Allied Insurance