ޚަބަރު

އިތުރު ދަރަންޏެއް ނުނަގައި ސުކޫކް ދެއްކުމަކީ އުންމީދީ ކަމެއް ކަމަށް ނަޝީދު ވިދާޅުވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: އަވަސް

ނިމިދިޔަ ސަރުކާރުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކަށް އަރާ ފައިސާ، އިތުރު ލޯނެއް ނުނަގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައްކައި ހަލާސްކުރުމާ ގުޅިގެން، އެކަމަށް ތައުރީފުކުރައްވައި އެއީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއްކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Allied

މީސްމީޑިއާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އައު ދަރަންޏެއް ނުކުރައްވައި 2021ވަނަ އަހަރު ވިއްކި ސުކޫކުގެ ފައިސާ ދައްކައި ނިންމުމަކީ ގައުމުގެ އިގުތިސާދީ މުސްތަގުބަލާމެދު އުންމީދު އާވެގެންދިޔަ ކަމެކެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ނެގި މި ދަރަންޏަށް ޖުމުލަ 524.68 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 8 ބިލިއަން ދިވެހި ރުފިޔާ) ދައްކަންޖެހިފައިވާއިރު، މި ސަރުކާރުން މި ފައިސާ އަދާކޮށްފައި ވަނީ ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމުގެ ކުރިންނެވެ. އެގޮތުން ދައްކާފައިވާ ޖުމުލަ ފައިސާގެ ތެރޭގައި ހިމެނެނީ މައިގަނޑު އަދަދު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އޭގެ ފައިދާ ނުވަތަ އިންޓްރެސްޓްގެ ގޮތުގައި އަރާފައިވާ ގާތްގަނޑަކަށް 25 މިލިއަން ޑޮލަރެވެ.

މި ބޮޑު ދަރަނި އެއްކޮށް އަދާކުރުމަށް ސަރުކާރުން ބޭނުންކޮށްފައިވަނީ ދައުލަތުގެ ރިޒާވްގައި ހުރި ފައިސާގެ އިތުރުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ރައްކާކޮށްފައިވާ ފައިސާއިންނެވެ.

Ads by Allied Insurance