ރާއްޖޭގެ ދެކުނަށް ގުގުރުމާ އެކު ވިއްސާރަވާނެ ކަމަށް ލަފާކޮށްފި
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު ގުގުރުމާ އެކު ވިއްސާރަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، މި ހަފުތާގެ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކޮންމެވެސް ވަރަކަށް ވާރޭވެހޭނެ ކަމަށެވެ. އަދި ވައިޖެހޭނެކަމަށް ބެލެވެނީ ހުޅަނގާއި ހުޅަނގުދެކުނުންނެވެ. އެގޮތުން، އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށް ގަޑިއަކު 4 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭއިރު، ދެކުނުގެ ހިސާބުތަކަށް ވައިޖެހޭނީ ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. މިއީ ދާއިމީ ވިއްސާރައެއް ނޫންކަމަށާއި، މި ވިއްސާރައިގެ އަސަރު ކެނޑުމާ އެކު އަނެއްކާވެސް މޫސުން ހޫނުވާން ފަށާނެކަމަށް އެ އިދާރާއިން ކަށަވަރުކޮށްދެއެވެ.
ރާއްޖޭގެ ތާރީޚުގައިވެސް ރާއްޖެއަށް އެންމެ ހޫނުގަދަވާނެ ކަމަށް ރެކޯޑުކުރެވިފައި ވަނީ ހިނގަމުންމިދާ އޭޕްރީލް މަހުގައެވެ. ފާއިތުވި މާރިޗު މަހުގެ 21ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ހޫނުމިން ހުރީ 37 ޑިގްރީ ސެލްސިއަސްއިން މަތީގައެވެ. މީގެ އިތުރުން، މި މަހުގެ ތެރޭގައި އެ ނިސްބަތް 40 ޑިގްރީއަށްވުރެ މައްޗަށް ދާނެކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ އަންދާޒާކޮށްފައެވެ.