ޚަބަރު

އެމްޑީޕީގެ އަތުން އުކުޅަހުގެ މެޖޯރިޓީ ލިބުމުން ޕީއެންސީން ކުލަ ގަދަ އުފާފާޅުކުރުމެއް ބާއްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ޒަމާންތަކެއް ވަންދެން އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތް އއ. އުކުޅަހުގެ ކައުންސިލް މެޖޯރިޓީ ފުރަތަމަ ފަހަރަށް ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން، އެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށްޓަކައި އެ ރަށުގައި ރޭ ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

Ads by Allied

ދާދި ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީން ވަނީ އެ ރަށުގައި ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައެވެ. ސިޔާސީ ޕާޓީތައް އުފެދުނީއްސުރެ އެމްޑީޕީއަށް އޮންނަ ތާއީދު ބޮޑު މި ރަށުގައި، މިފަހަރުގެ އިންތިޚާބުން އެ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. މިއީ އުކުޅަހު ކައުންސިލްގައި އެމްޑީޕީ ތަމްސީލުކުރާނެ އެއްވެސް މެންބަރަކު ނުހިމެނޭ ފުރަތަމަ ފަހަރު ކަމަށްވާއިރު، ޕީއެންސީން ވަނީ ކައުންސިލްގެ ތިން ގޮނޑި ވެސް ކަށަވަރުކޮށްފައެވެ.

މި އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ އަލީ ވަހީދެވެ. އަދި އަންހެނުންނަށް ޚާއްޞަ ކުރެވިފައިވާ ގޮނޑިއަށް އައިމިނަތު ޒޫނާ ހޮވިވަޑައިގެންނެވިއިރު، ކައުންސިލްގެ އަނެއް ގޮނޑި ކާމިޔާބުކުރެއްވީ މުޙައްމަދު ޝަފްރާޒެވެ. ހަމައެއާ އެކު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ދެ ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްޞަ ހަފްލާގައި ހަވާ އެރުވުމާއި ކޭކު ފެޅުމުގެ އިތުރުން، ޕާޓީގެ އާންމު މެންބަރުންނަށް އަމާޒުކޮށްގެން ބޮޑު ޖާފަތެއް ވަނީ ދީފައެވެ. ގިނަ ބަޔަކު ބައިވެރިވި މި އުފާވެރި ރަސްމިއްޔާތުގައި، އެ ރަށަށް ނިސްބަތްވެވަޑައިގަންނަވާ މިހާރުގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ads by Allied Insurance