ހަނގުރާމައިގެ ހާލަތުގައި ފަތުރުވެރިކަން ކުރިއަށް ގެންދަން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
މެދު އިރުމަތީގެ ހަނގުރާމައިގެ ހާލަތުގައި ފަތުރުވެރިކަން ކުރިއަށް ގެންދަން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް)އާ މަޝްވަރާކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހު ފެށި އެމެރިކާ އަދި އިސްރާއިލު ގުޅިގެން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މަދުވެފަ އެވެ. އަދި ވަގުތީ ގޮތުން މިއަދު ހަމަލާތައް ބަދަލުކުރުން މެދުކަނޑާލި ނަމަވެސް ހަނގުރާމަ ހުއްޓޭނެކަމުގެ ސީދާ ޔަގީންކަމެއްނެތެވެ.
އެހެންވެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ސަރުކާރުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަދު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ މެދުއިރުމަތީގެ ހާލަތު ބަދަލުވަމުންދާ ގޮތުން، ރާއްޖޭގެ ސަފާރީ އުޅަނދުތަކާއި، ހޮޓާތަކާއި، އަދި ގެސްޓްހައުސް ސިނާއަތަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ބެހޭގޮތުން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް، މިފަދަ ހާލަތްތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަށްގެންދިއުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ފަރާތުގެ މެދުގައި ފުޅާދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ މި ހާލަތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ބޭރުގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު އުފެދޭ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރާއި އަމިއްލަ ޖަމިއްޔާތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގާތުން މަސައްކަތްކުރުމަށް މި ބައްދަލުވުމުގައި އެއްބަސްވެފައިވެއެވެ.