ޚަބަރު

ހަނގުރާމައިގެ ހަމަނުޖެހުންތަކާ ގުޅިގެން ދައުލަތުގެ ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރަން ޕީސީބީން އަންގައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވެދާނެ އިޤުތިޞާދީ ލޮޅުންތަކުން ރައްކާތެރިވުމަށްޓަކައި، ދައުލަތް ހިއްސާވާ ކުންފުނިތަކާއި އެ ތަންތަނުގެ ސަބްސިޑަރީތަކުން ޚަރަދު ކުޑަކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އަންގައިފިއެވެ.

Ads by Allied

މިދިޔަ މަހުގެ 30ވަނަ ދުވަހު ޕީސީބީން ވަނީ ކުންފުނިތަކަށް މިފަދަ ސަރކިއުލާއެއް ފޮނުވާފައެވެ. ނަމަވެސް މިއަދު އަލުން ފޮނުވި އެންގުމުގައި ވަނީ މާލީ ގޮތުން ރައްކާތެރިވުމަށް އަޅަންޖެހޭ އިތުރު މުހިންމު ފިޔަވަޅުތަކެއް ހިމަނާފައެވެ.

އައު ސަރކިއުލާގެ ދަށުން، ކުންފުނިތަކުގެ އޮޕަރޭޝަން ހުއްޓުމަކަށް ނާންނާނެ މިންވަރަށް ބެލުމަށްފަހު ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މީހުން ވަޒީފާއަށް ނެގުން ވަނީ މަނާކޮށްފައެވެ. އަދި މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުން މިވަގުތަށް މަޑުޖައްސާލުމާ އެކު، އިތުރު ގަޑީގެ ފައިސާ ދޭންޖެހޭ މިންވަރު މަދުކުރުމަށްޓަކައި ރަސްމީ ގަޑީގެ ތެރޭގައި މަސައްކަތްތައް ނިންމުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ ކުޑަކޮށް، ކުންފުނީގެ ކޭޝްފްލޯއަށް ދަތިނުވާނެހެން ދެމެހެއްޓެނިވި ގޮތެއްގައި މާލީ ކަންކަން ރޭވުމަށް ވެސް ވަނީ އިރުޝާދުދީފައެވެ.

ދަތުރުފަތުރާއި ހަފުލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުމަށް ވެސް ޕީސީބީން ވަނީ ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން، ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި ރާއްޖެއިން ބޭރަށް ކުރާ އެހެނިހެން ދަތުރުތަކާއި ތަމްރީނު ޕްރޮގްރާމްތައް ހުއްޓާލުމަށާއި، ބޭރުގެ ކަސްޓަމަރުންނާ އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށް ވަނީ އަންގާފައެވެ. އަދި ރާއްޖެތެރޭގެ ދަތުރުތަކުގައި ފެރީގެ ނިޒާމު ބޭނުންކުރުމަށާއި، ކުންފުންޏަށް ސީދާ ފައިދާވާ ބޭރުގެ މަހާސިންތާތައް ފިޔަވައި އެހެން ފެއާތަކުގައި ބައިވެރިނުވުމަށާއި، ކޮންމެހެން ބާއްވަންޖެހޭ ހަފުލާއެއް މެނުވީ ނުބޭއްވުމަށް ވެސް ވަނީ އަންގާފައެވެ.

ކުންފުނީގެ އަސާސީ މަސްއޫލިއްޔަތުން ބޭރުން ކުރާ އެއްވެސް ޚަރަދެއް ނުކުރުމަށާއި، އިޤުތިޞާދީ ގޮތުން އަންނަ ބަދަލުތައް ދިރާސާކޮށް އާންމު ރައްޔިތުންނަށް މާލީ ބުރައަކަށް ނުވާނެ ފަދަ ގޮތަކަށް ކަންކަން ނިންމުމަށް ކުންފުނިތަކުގެ ބޯޑުތަކަށް ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެއާ އެކު، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު ވީހާވެސް ފުޅާކޮށް، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުން ވެސް މި އެންގުމުގައި ހިމަނާފައިވެއެވެ.

Ads by Allied Insurance