ފިޝަރީޒް އާ އެގްރިކަލްޗާ އެކޮށްލައި، މިނިސްޓަރަކަށް ޝިޔާމް އައްޔަނު ކޮށްފި
ސަރުކާރުގެ ހިންގުމަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިން އެގްރިކަލްޗާ މިނިސްޓްރީ އަދި ފިޝަރީޒް މިނިސްޓްރީ އެއްކޮށްލުމަށްފަހު އެ ވުޒާރާގެ މިނިސްޓަރަކަށް އަހުމަދު ޝިޔާމް މިއަދު އައްޔަނު ކުރައްވައިފިއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން ސަރުކާރު ހިންގުމަށް ބޮޑެތި ބަދަލުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދަނީ ގެންދަވަމުންނެވެ.
އެބަދަލުގެ ދަށުން އިއްޔެ ވަނީ ކެބިނެޓްގައި ތިއްބަވާ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު އިސްތިއުފާ ދެއްވާފައެވެ. އަދި ކެބިނެޓް 15 އަށް ކުޑަކުރައްވައި ރޭ ވަނީ އަލުން އެކުލަވާލާފައެވެ.
ރޭ ހުވާކުރެއްވި މިނިސްޓަރުންގެ ތެރޭގައި ޝިޔާމް ހިމެނިވަޑައިނުގަންނަވައެވެ. އެނގިފައިވާ ގޮތުގައި ރޭ ޝިޔާމް ހުންނެވީ ރާއްޖޭން ބޭރުގައެވެ.
އެހެންކަމުން މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓްރާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް ކަމަށް ޝިޔާމް ވަނީ އައްޔަނު ކުރައްވާފައެވެ.
މިހާރު ކެބިނެޓަށް އައްޔަނު ނުކުރަނީ ޑިފެންސް މިނިސްޓަރެވެ.