ޕަބްޖީ ކުޅެން މަނާ ކުރުމުން 11 އަހަރުގެ ކުއްޖަކު އަމިއްލައަށް މަރުވެއްޖެ

މިސްރު: މައިންބަފައިން ޕަބްޖީކުޅެން މަނާ ކުރުމުން މިސްރުގެ 11 އަހަރުގެ ފިރިހެން ކުއްޖަކު އަމިއްލައަށް މަރުވެއްޖެއެވެ.
މި ހާދިޘާގެ މައުލޫމާތު މީޑިއާއާ ހިއްސާ ކުރަމުން މިސްރުގެ ޕްރޮސެކިއުޓަރގެ އޮފީހުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ބުނެފައި ވަނީ ކަފްރު އަބްރަޝް އަވަށުގެ ކުއްޖަކު އަމިއްލައަށް މަރުވި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށާއި ތުހުމަތު ކުރެވޭ ގޮތުގައި އެމަރަކީ އިލެކްޓްރޯނިކް ގޭމެއް ކުޅުމާ ގުޅުން ހުރި މައްސަލައެއް ކަމަށެވެ.
މަރުވި ކުއްޖާގެ މައިންބަފައިންނާ ހަވާލާދީ ބޭރުގެ މީޑިއާތައް ބުނާ ގޮތުގައި އެކުއްޖާ މަރުވި ރޭގައި އެއްކޮށް އުޅުނީ ފޯނުން ގޭމް ކުޅުމުގައި ކަމަށާ އެހެންވެ އެ ގޭމް ކުޅުން މަނާ ކުރިކަމަށެވެ. އެރޭ އެ ކުއްޖާ މަރުވެފައި ހުއްޓާ ފެނުނީ އޭނާގެ ކޮޓަރީންނެވެ.
ޕަބްޖީއާ ގުޅިގެން މިސްރުގައި ކުރިން ވެސް ވަނީ މީހަކު އަމިއްލައަށް މަރުވެފައެވެ. އެ ހާދިޘާއަށް ފަހު އަޒުހަރުގެ ފަތުވާ ކޮމިޓީން ވަނީ ޕަބްޖީ ކުޅުމަކީ ދީނުގައި ހުއްދަކަމެއް ނޫންކަމަށް ބަޔާންކޮށް ފަތުވާއެއް ނެރެފައެވެ.