ސްވިޑެންއަށް ރާއްޖެއިން ކަނޑައެޅި ސަފީރު ފަތްކޮޅު އަރުވައިފި
ރާއްޖެއިން ސްވިޑަން އަށް ކަނޑައަޅި ނޮން-ރެސިޑެންޓް ސަފީރު، ޢައިޝަތު ޝާން ޝާކިރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިޑަންގެ ރަސްގެފާނު، ކާލް ސޯޅަވަނަ ގުސްޓާފް އަށް މިއަދު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސްވިޓަންގެ ވެރިރަށް ސްޓޮކްހޯމް ގައި ހުންނަ ރަސްމީ ގަނޑުވަރުގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި ސަފީރު ޝާން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްވިޑަންގެ ރަސްގެފާނަށާއި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ރާއްޖެ އާއި ސްވިޑަން އާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައި، ދެ ގައުމުން އިސްކަންދޭ އެހެނިހެން މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އަރުއްވާފައެވެ.
ސްޓޮކްހޯމް އަށް ކުރެއްވި މިދަތުރުފުޅުގައި ސަފީރު ޝާން ވަނީ ސްވިޑަންގެ ޚާރިޖީ ވުޒާރާގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުންތަކުގައި ރާއްޖެއާއި ސްވިޑަން އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުންވެސް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ސަފީރު ޝާން އަކީ ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުގެ އިތުރުން، ކިންގްޑަމް އޮފް ނޯވޭ އަށާއި ރިޕަބްލިކް އޮފް ފިންލެންޑް އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުވެސްމެއެވެ.