އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ގުނަން ފަށައިފި
މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން، އެއްވެސް ފޮއްޓެއްގެ ވަގުތު އިތުރުނުކޮށް، ހަވީރު 4:00 ގައި ކިޔު ބަންދުކުރުމަށްފަހު ވޯޓު ގުނަން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ހެނދުނު 8:00 ގައި ވޯޓުލުން ފެށި ނަމަވެސް ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށުން ކުޑަކޮށް ލަސްވިކަން ފާހަގަކުރެވުނެވެ. އެހެންނަމަވެސް، ކަނޑައެޅިފައިވާ ވަގުތަށްވުރެ އިތުރަށް އެއްވެސް ފޮއްޓަކަށް ވަގުތު ދީފައެއް ނުވެއެވެ. އުސޫލު ހަމަޖެހިފައިވާ ގޮތުން، ކިޔުގައި ތިބި މީހުން ވޯޓުލައި ނިމުމުން ފޮށިތައް ބަންދުކުރާނެއެވެ.
ޖުމްލަ ފަސް ދާއިރާއެއްގައި މިއަދު ވޯޓުލުން ކުރިއަށްގެންގޮސްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ބ. ދޮންފަނު ކައުންސިލްގެ އަންހެނުންގެ ގޮނޑިއާއި، ފުވައްމުލަކު ސިޓީ ކައުންސިލްގެ ދަޑިމަގު ދާއިރާގެ ގޮނޑިއެވެ. މީގެ އިތުރުން، އަންހެނުންގެ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ހއ. ކެލާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުން ހޮވުމަށްވެސް ވަނީ ވޯޓުލާފައެވެ.
މި ފަސް ދާއިރާގެ އިންތިޚާބަށް މާލޭގެ ތިން ސަރަޙައްދެއްގައި ބެހެއްޓުނު 6 ފޮށްޓާއެކު ޖުމްލަ 14 ވޯޓުފޮށި ބަހައްޓާފައިވެއެވެ. އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަދުގެ އިންތިޚާބުގައި 6،093 ރައްޔިތަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.