ޚަބަރު

ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހްމަތުގައި 5ވަނަ މީހަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހްމަތުގައި 5ވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، 2026 މާރިޗު 16ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅުނު މި ވައްކަމުގެ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު، 2026 އޭޕްރީލް 16ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޖަޒީލާމަންޒިލް / ހދ.ނޮޅިވަރަންފަރު، ޖަޒީލު މުޙައްމަދު (47އ) ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ވައްކަމުގައި ޖުމުލަ 4،000،000 (ހަތަރު މިލިއަން) ދިވެހި ރުފިޔާ ވަގަށް ނަގާފައިވެއެވެ. އެ ފައިސާގެ ތެރެއިން ހޯދިފައި ވަނީ 50،000 (ފަންސާސް ހާސް) ދިވެހި ރުފިޔާއެވެ.

Ads by Allied Insurance