ޚަބަރު

ރައްޔިތުންގެ ވިސްނުން ސާފު، ގާނޫނުއަސާސީ ދެން ބަދަލެއް ނުކުރާނަން: ރައީސް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާމެދު ނެގި ފެންނަ ނުފެންނަ ވޯޓުގައި، ގާނޫނުއަސާސީ އިސްލާހު ކުރުމަކީ ރައްޔިތުން ނުރުހޭ ކަމެއްކަން ސާފުވެގެން ހިނގައްޖެ ކަމަށާއި، އެހެންކަމުން އިތުރު ބަދަލެއް ގާނޫނުއަސާސީއަށް ނުގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by Allied

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އިސްލާހީ އެޖެންޑާގެ ތެރެއިން ގާނޫނުތައް އިސްލާހު ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމާއި ޒުވާނުންނާއި އަންހެނުންނަށް މަޖިލީހުގެ ވަކި ޕަސެންޓެއް ކަނޑައަޅުންފަދަ ބަދަލުތައް ގެންނަވަން ވިސްނަވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، ގާނޫނުއަސާސީ އިސްލާހު ކުރުމަކީ ރައްޔިތުން އެދޭ ކަމެއް ނޫންކަން ސާފުވެގެން ގޮއްސިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ހިތުން ފެންނަ ނުފެންނަ ވޯޓުން ބޮޑު މެސެޖެއް ދެއްވާފައި މިވަނީ ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ އެހާ ބޮޑަށް ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫންކަން،" ރައީސް ވިދާޅުވިއެވެ.

ނިމިދިޔަ އިންތިހާބުގެ ކުރިން ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމާފައިވެއެވެ. އެގޮތުން ބޮޑު ދެއިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށާއި، ރާއްޖޭގެ ވޯޓުލާ ނިޒާމް ޕްރިފަރަންޝަން ވޯޓިން ސިސްޓަމަކަށް ބަދަލު ކުރުމަށާއި، ރިޔާސީ ދައުރު ނިމޭ ދުވަސް ނޮވެމްބަރު 11 އަށް އަލުން ބަދަލުކުރުން ފަދަ ކަންކަން ހިމެނެއެވެ.

Ads by Allied Insurance