މަރާމާތުގެ މަސައްކަތަކަށް އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ވަގުތީގޮތުން ބަންދުކޮށްފި
ދަރުމަވަންތަ ހޮސްޕިޓަލް ސަރަހައްދުގައި ގާއިމުކޮށްފައިވާ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން މިއަދު އާންމުކުރި ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން، މިއަދުން ފެށިގެން މި މަހުގެ 22 ވާ ބުދަ ދުވަހުގެ ނިޔަލަށް އެ މަރުކަޒުގެ ހިދުމަތްތައް ވަނީ ވަގުތީގޮތުން މެދުކަނޑާލައިފައެވެ. މި މުއްދަތުގެ ތެރޭގައި އެ ސެންޓަރުން ފޯރުކޮށްދެމުންދިޔަ އާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް މިހާރު ވަނީ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ޖެނެރަލް އޯޕީޑީ (ޖީއޯޕީޑީ) އަށް ބަދަލުކޮށްފައެވެ. އަދި މީގެ އިތުރުން، އެ މަރުކަޒުން ކުރިއަށްގެންދިޔަ ވެކްސިން ދިނުމުގެ އެންމެހާ ކަންކަން ދެން ކުރިއަށްދާނީ ދަމަނަވެށިން ކަމުގައި ވެސް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތުދީފައެވެ.
މި ކުއްލި ބަދަލާ ގުޅިގެން އާންމު ރައްޔިތުންނަށް ދިމާވެދާނެ އެންމެހާ ދަތިތަކަށް އައިޖީއެމްއެޗުން ވަނީ ނިހާޔަތަށް މާފަށް އެދިފައެވެ. ރައްޔިތުންނަށް ފަސޭހަކަމާ އެކު ފެންވަރު ރަނގަޅު އަސާސީ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރެވިފައިވާ މި ސެންޓަރަކީ، 19 ނޮވެމްބަރު 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުވައިދެއްވި މަރުކަޒެކެވެ.