ފެން ބިލުތަކުގެ ޖޫރިމަނާ މާފުކޮށްދޭން ނިންމައިފި
ފެން ބިލްތައްކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މާފުކޮށްދޭން އެމްޑަބްލިއުއެސްސީން ނިންމައިފި އެވެ.
އެމްޑަބްލިއުއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ނިންމުމާއެކު އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2025 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދޭނެ ކަމަށެވެ.
ނަމަވެސް އެގޮތަށް ޖޫރިމަނާ މާފްކޮށްދެވޭނީ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަވަންޖެހޭ ޖުމްލަ ފައިސާ 01 އޭޕްރީލް 2026 އިން ފެށިގެން 31 ޑިސެމްބަރ 2026 އާއި ދެމެދު އެއްކޮށް ދައްކަވައި ހަލާސްކުރައްވާ ކަސްޓަމަރުންނަަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އޭގެ އިތުރުން އެއްބަސްވުމެއްގެ ދަށުން ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވައި ޚަލާސްކުރަން ބޭނުންވާ ކަސްޓަމަރުންނަށް، އެއިންތިޒާމް އެ ކުންފުނިން ހަމަޖައްސަވައި ދޭނެ ކަމަށް ވެސް ބުންޏެވެ. އެކަމަކު މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވާ ކަސްޓަމަރުންނަށް ޖޫރިމަނާ މާފްކޮށްދެވޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކަވައި ހާލާސްކުރެއްވުމުން ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
"މިކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުއްވުމުން ނުވަތަ [email protected] އަށް އީ-މެއިލްކުރެއްވުމުން މިކަމުގައި އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ." އެ ކުންފުނިން ނެރުނު ބަޔާނުގައި ބުންޏެވެ.