ޚަބަރު

ދަނާލުގައި މަރުވި ކުއްޖާގެ ޓައިމްލައިން; ފުލުހުންނަށް ދެވުނީ 5 ގަޑިއިރެއްހާއިރު ފަހުން

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އެމްއެންޔޫގެ ދަނާލު--

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަނާލުގައި ދިރިއުޅެމުން ދިޔަ އަންހެން ކުއްޖަކު މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު މަރުވުމުގެ ކުރިން ފުލުހުންނަށް މެސެޖު ކުރި ކަމަށާއި ނަމަވެސް ސީނަށް ފުލުހުންނަށް ދެވުނީ 5 ގަޑިއިރެއްހާއިރު ފަހުން ކަމަށް ހާމަވެއްޖެއެވެ.

Ads by Allied

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު އަލީ އިހުސާން ވަނީ ދަނާލުގައި ދިރިއުޅެމުންދިޔަ 18 އަހަރުގެ އެ އަންހެން ކުއްޖާ މަރުވުމުގެ ކުރިން އޭނާއާއި ފުލުހުންނާ ދެމެދު ކުރި މުއާމަލާތްތަކުގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ.

އެރޭ އެކުއްޖާ ފުލުހުންނަށް ކުރި ފުރަތަމަ މެސެޖަށް ބަލާއިރު، ފުލުހުން އެތަނަށް ފޮނުވުމާ ދޭތެރޭ 5 ގަޑިއިރެއްހާއިރު ހޭދަވެފައިވާކަމަށް ޓައިމްލައިނުން އެނގެއެވެ.

ޓައިމްލައިން

  • 8:40 - ކުއްޖާ: "އައި އޭމް ސޯ ކްލޯޒް ޓު ގިވް އަޕް"
  • 8:49 - ޕޮލިސް: "ހައި، ވުޑް ޔޫ ލައިކް ޓު ޝެއާ ވިތް އަސް"
  • 8:50 - ކުއްޖާ: "އައި ޖަސްޓް ކާންޓް ކޮންޓްރޯލް މައި ތޯޓްސް"
  • 8:53 - ކުއްޖާ: "ޕްލީޒް ޑޯންޓް ކޯލް އެނީވަން" "އައިމް އޯކޭ" "އައިމް ގޮއިންގ ޓު ބީ އޯކޭ، އައިހޭވް ބީން އޯކޭ:
  • 8:56 - ކުއްޖާ: "އައިމް ގޮއިންގ ފޯ އަ ވޯކް"
  • 12:38 - ކުއްޖާ: "އައިމް ގޯން"
  • 12:42 - ޕޮލިސް: "ވަޓް ޑޫ ޔޫ މީން ބައި ދެޓް؟ ހައު ކޭން އައި ހެލްޕް؟ ވުޑް ޔޫ ލައިކް ޓު ގޯ ޓު ހޮސްޕިޓަލް އޯ ޓޯކް ޓު މީ؟"

އިހުސާން ވިދާޅުވީ އޭގެ ފަހުން ފުލުހުންގެ ހޮޓްލައިން އާއި އެކި ނަންބަރުތަކުން އޭނާ ފުލުހުންނަށް ގުޅަން މަސައްކަތް ކުރި ކަމަށް ސޯޝަލް މީޑިއާގައި ދައްކަނީ ތެދު ވާހަކަތަކެއް ނޫން ކަމަށެވެ. އޭގެ ފަހުން ފުލުހުންގެ އެއްވެސް ނަންބަރަކަށް އެކުއްޖާ ގުޅާފައި ނުވާކަން ކަށަވަރުކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ 12:42 ގެ މެސެޖަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ. ނަމަވެސް އޭގެ 15 މިނެޓު ފަހުން ވައިބާ ނަންބަރުން އޮންލައިންވެފައިވާ ކަމަށެވެ.

އެހެންކަމުން، އެކުއްޖާގެ ބޭބެއަށް ގުޅައި، އެފަދަ ކަމެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ދީފައިވާނެ ކަމަށާއި، އެކަމަށް އާއިލާގެ ފަރާތުން ވެސް އެހީތެރިވެދިނުމަށް އެދިފައިވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

"އެ ގަޑީގައި އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަކީ 12:36 ގައި އެފަރާތުގެ ބޭބެއަށްވެސް މެސެޖުކޮށްފައިވާ ކަމަށް. 'އައިއެމް ނޮޓް ބޮދާޑް" މިގޮތަށް. އެއީ އެފަރާތާ ބޭބެއާ ދެމެދު ހިނގި އެންމެ ފަހުގެ ކޮންވަޒޭޝަން" އިހުސާން ވިދާޅުވިއެވެ.

އޭގެފަހުން ކަން ހިނގައިދިޔަ ގޮތް

  • ވިކްޓިމް ސަޕޯޓް ސެންޓަރުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅައި، ފުލުހުން އެތަނަށް ފޮނުވައިދިނުމަށް އެދުނީ އެރޭ 1:08 ގައި
  • ފުލުހުން ދަނާލަށް ވަނީ 1:08 ގައި
  • ސީދާ އެކުއްޖާ ދިރިއުޅޭ ކޮޓަރި ހޯދުނީ 1:32 ގައި
  • ފުލުހުން ކޮޓަރިއަށް ވަނީ ފެންލައިޓުން

އިހުސާން ވިދާޅުވީ މީގެ ކުރިންވެސް އެކުއްޖާ ފުލުހުންގެ ވިކްޓިމް ސަޕޯޓް ސެންޓަރާ މުއާމަލާތް ކުރަމުން ދިޔަ ކަމަށާއި ހޮސްޕިޓަލަށް ވެސް ގެންގޮސްދީފައިވާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރީ ރަނގަޅަށްތޯ ބެލުމަށް އެތެރޭގެ ތަހުގީގެއްގެ އިތުރުން އެހެން މުއައްސަސާތައްވެސް އެކަން ބަލަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

Ads by Allied Insurance