ވަގަށް ނެތި 120،000 ރުފިޔާއަށް ވުރެ އަގު ބޮޑު މުދާ ފުލުހުން ހޯދައިފި
ވަގަށް ނެތި 120،000ރުފިޔާއަށް ވުރެ އަގު ބޮޑު މުދާ ފުލުހުން ހޯދައިފިއެވެ.
މިލަންދޫގެ ގެއެއްގެ ގަރާޖުން އިންޖީނު ބައިތަކެއް ވަގަށް ނެތީ މި މަހުގެ 18ވަނަ ދުވަހުއެވެ. އެގެއިން ވަގަށް ނެގި ޔަމަހާ ބްރޭންޑްގެ އައުޓްބޯޑް ގިޔަރަކާއި އޭގައި އަޅުވައިފައިވާ ބުރަފަތީގެ އަގު 120،000ރުފިޔާއަށް ވުރެ ބޮޑުވާނެކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ފަށައި ކުރި މަސައްކަތުން، ވަގަށް ނެގި ތަކެތި ހަމަ އެ ދުވަހުގެ މެންދުރުފަހު 2:30ހާއިރު މިލަންދޫ ފަޅުތެރޭގައި އަޅާފައި އޮތް ބޯޓެއްގެ ކައްޕިއަށް 2،500ރުފިޔާއަށް ވިއްކާލާފައިވާކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި ފުލުހުން އެ ބޯޓަށް ގޮސް ބޯޓު ބަލައިފާސްކުރިއިރު، ބޯޓުގެ އިންޖީނުގެ ވަތުތެރެއިން، ވަގަށް ނެގި ތަކެތި ފެނުނު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ މިދިޔަ އާދިއްތަ ދުވަހު މިލަންދޫ ގެއަކުން ވަގަށް ނެގި ޓީވީތަކަކާއި ސެންޓުފުޅިތަކެއް ވެސް ހޯދައިފައެވެ. އެ މައްސަލައާ ގުޅިގެން، ދެ މީހަކު ހައްޔަރުކޮށް މިހާރު ތިބީ 10ދުވަހަށް ބަންދުގެ މުއްދަތުވެސް ޖަހައިފައެވެ.