މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. މިލަންދޫ / ފެޝަން، ހަސަން ފަޔާޒް (40އ)އެވެ.
ފުލުހުން ބުނީ ފަޔާޒް ހައްޔަރުކުރީ ކުޅުދުއްފުށިން މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މި މަހުގެ 22ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
އެގޮތުން އެ ދުވަހު މިލަންދޫ ބަނދަރުމަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސް ކޮޅެއް ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.