ފޭދޫ ސްކޫލްގެ ލައިބްރަރީގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ކިޔެވުން ވަގުތީ ގޮތުން މެދުކަނޑާލައިފި
އައްޑޫ ސިޓީގެ ފޭދޫ ސްކޫލްގެ ލައިބްރަރީ އިމާރާތުގެ ބޭރުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބި ސްކޫލްގެ ކިޔެވުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
ދިފާއީ ބާރުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިއަދު ހެނދުނު 8:20 ހާއިރު ސަދަން އޭރިއާ ކޮމާންޑަށް ރިޕޯޓުކުރެވުނު މި ހާދިސާގައި ރޯވި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައި ވަނީ، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން ހެނދުނު 8:56 ހާއިރު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، އަލިފާނުގެ ސަބަބުން ސްކޫލްގެ ލައިބްރަރީ ވަނީ މުޅިން ހަލާކުވެ، ދެން އިތުރަށް ބޭނުން ނުކުރެވޭ މިންވަރަށް ވނީ އަނދާފައެވެ. އަދި މި ވަގުތު ކައުންސިލާއި ފޭދޫ އަވަށު އޮފީސް ގުޅިގެން އަންނަނީ، ސްކޫލް ތެރެ ސާފުކޮށް އަލުން ކިޔެވުން ފެށޭނެ މާހައުލެއް ޤާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރަމުންނެވެ.
މިފަދަ ހިތާމަވެރި ހާދިސާއެއް މިއަދު ފޭދޫގައި ހިނގާފައިވާއިރު، މި މަހުގެ ތިންވަނަ ދުވަހުގެ ރޭ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައި ވެސް އަލިފާން ރޯވެ އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.