މާލެ ސިޓީ ހޮސްޕިޓަލްތަކުގެ ބެކަޕް ކަރަންޓު ކެޕޭސިޓީ މަތިކުރުމުގެ މަސައްކަތް ފަށައިފި
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މާލޭގައި ހިންގާ ދައުލަތުގެ ބޮޑެތި ހޮސްޕިޓަލްތަކުގެ ބެކަޕް ކަރަންޓު ނިޒާމުގެ ކެޕޭސިޓީ މަތިކޮށް އެ ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މާލެ ސިޓީ ގްރޫޕްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ހަލީމް ފާހަގަކުރެއްވި ގޮތުގައި، އައިޖީއެމްއެޗަށް ފަހަކަށްއައިސް ގެނެވިފައިވާ ބޮޑެތި ކުރިއެރުންތަކުގެ ސަބަބުން ހަކަތަ ބޭނުންކުރަންޖެހޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެހެންކަމުން، މިހާރު ގާއިމުކޮށްފައިވާ ބެކަޕް ނިޒާމު އިތުރަށް ބޮޑުކޮށް، މުޅި ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަކަށް އަޕްގްރޭޑް ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އާންމު ކަރަންޓު ވިއުގަ މެދުކެނޑޭ ހާލަތްތަކުގައި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް މިހާރު ވެސް ބެކަޕް ޖަނަރޭޓަރުތަކުގެ ބޭނުން ހިފައެވެ. އެހެންނަމަވެސް، ކެޕޭސިޓީ ހުރިގޮތުން މިފަދަ ވަގުތުތަކުގައި ކަރަންޓު ދޫކުރަމުން ގެންދެވެނީ ހަމައެކަނި ފުރާނަ ސަލާމަތްކުރުމާ ގުޅިފައިވާ އެންމެ ނާޒުކު ފަރުވާދޭ ގޮފިތަކަށާއި އެންމެ މުހިންމު ހިދުމަތްތަކަށް އެކަންޏެވެ.
މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ އެންމެހާ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ކަރަންޓުގެ ހާލަތު ހަރުދަނާކޮށް، ކޮންމެ ފަދަ ހާލަތެއްގައި ވެސް ރައްކާތެރިކަމާ އެކު ބަލިމީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުންނެވެ.