ޚަބަރު

އައު ބަދަލުތަކަކާ އެކު 38 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒް

ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ 38ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި ވާދަކުރުމުގެ ފުރުޞަތު ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން މިއަދު ހުޅުވާލައިފިއެވެ.

Ads by Allied

އެ މަރުކަޒުން މަޢުލޫމާތު ދެއްވާ ގޮތުގައި، އޮންލައިން އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މާދަމާއިން ފެށިގެން މި މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް އޮޑިޝަން ބުރަށް ފޯމު ހުށަހެޅޭނެއެވެ. މުބާރާތުގެ ފެންވަރު މަތިކޮށް، ހަމަހަމަކަމާ އެކު ވީހާވެސް ގިނަ ބަޔަކަށް ވާދަކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން މި އަހަރު ވަނީ އުޞޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ޝަރުޠު ފުރިހަމަވާ، އުމުރުން 26 އަހަރު ނުފުރޭ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އަމިއްލަ ހައިސިއްޔަތުން މިހާރު މުބާރާތަށް ކުރިމަތިލެވޭނެއެވެ.

ކުރީ އަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތް ވަނީ ތިން މަރުޙަލާއަކަށް ބަހާލާފައެވެ. ފުރަތަމަ މަރުޙަލާ ކަމަށްވާ އޮޑިޝަންތައް، މާލޭގެ އިތުރުން މަރުކަޒުން ކަނޑައަޅާ ވަކި ރަށްތަކެއްގައި ކުރިއަށްދާނެއެވެ. ފޯމު ހުށަހަޅާ ފަރާތްތަކަށް އެންމެ ފަސޭހަ ސަރަޙައްދެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.

އޮޑިޝަންގައި ވާދަކުރާ ކުދިންގެ ތެރެއިން ކޮންމެ ކެޓަގަރީއަކުން 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ އެންމެ މޮޅު 500 ބައިވެރިންނަށް ސެމީ ފައިނަލުން ޖާގަ ލިބޭނެއެވެ. އަދި ސެމީ ފައިނަލުން 85 އިންސައްތައަށްވުރެ މަތިން ނަތީޖާ ނެރޭ އެންމެ މޮޅު 150 ބައިވެރިންނަށް މާލޭގައި އޮންނަ ފައިނަލް ބުރުން ފުރުޞަތު ލިބިގެންދާނެއެވެ. އަތޮޅުތެރެއިން ފައިނަލަށް ހޮވޭ ކުދިން މާލެ އައުމަށް ޚާއްޞަ އެލަވަންސެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ޖުމްލަ 8 އުމުރުފުރާއަކާއި ޙާފިޡުންގެ ބަޔަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި، ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ގޮފިތަކުންނާއި ޙާފިޡުންގެ ބައިން ގަދަ ތިނެއް ހޮވައި ރައީސުލްޖުމްހޫރިއްޔާގެ އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، މުބާރާތުގެ އެކި ބައިތަކުން އެއްވަނަ ހޯދާ ފަރާތްތަކަށް، އެ ކުއްޖަކު ބޭނުންވާ ޤައުމަކުން އަދި ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

Ads by Allied Insurance