ޚަބަރު

ލާމަރުކަޒީ ނިޒާމުގެ ކަންކަން ބެލެހެއްޓުމުގެ މެންޑޭޓު މާލީ ވުޒާރާއާ ހަވާލުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދި ފަހުން ގެންނެވި ކެބިނެޓު ބަދަލުތަކުގެ ތެރެއިން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އުވާލައްވައި، އެ އިދާރާގެ ހުރިހާ މަސްއޫލިއްޔަތުތަކެއް މާލީ ވުޒާރާގެ ދަށަށް ރަސްމީކޮށް ބަދަލުކުރައްވައިފިއެވެ.

Ads by Allied

މި ބަދަލު ގެންނެވި ސަބަބު ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ ހުރިހާ ދާއިރާއަކާ ވެސް އެންމެ ބޮޑަށް ގުޅިފައިވާ ވުޒާރާއަކީ މާލީ ވުޒާރާ ކަމަށްވާތީ، ކައުންސިލްތަކުގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް އެންމެ އެކަށީގެން ވަނީ މާލީ ވަޒީރު ކަމަށެވެ. އެހެންކަމުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ ހައިސިއްޔަތުން ކައުންސިލްތަކުގެ ކަންކަމުގައި ދެން ސީދާ ޒިންމާވެވަޑައިގަންނަ ވާނީ މާލީ ވަޒީރު މޫސާ ޒަމީރެވެ.

ސަރުކާރުން މިހާރު އާންމުކޮށްފައިވާ މާލީ ވުޒާރާގެ އައު މެންޑޭޓުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމަކީ ދެން އެ ވުޒާރާގެ ކަމެކެވެ. މިއާއެކު، ކުރިން ސިޓީތަކާބެހޭ ވުޒާރާއަށް ފޮނުވަމުންދިޔަ ރަސްމީ ލިޔެކިޔުންތަކާއި ހުށަހެޅުންތައް މީގެ ފަހުން ފޮނުވަން ޖެހޭނީ ސީދާ މާލީ ވުޒާރާއަށެވެ.

ސިޓީތަކާބެހޭ ވުޒާރާ އުވާލުމާ ގުޅިގެން އެއްވެސް ޤާނޫނީ ހުސްކަމެއް ކުރިމަތިނުވާނެކަން އެލްޖީއޭއިން ފާހަގަކުރެއެވެ. ޤާނޫނަށް ގެނެވުނު 17ވަނަ އިސްލާޙާ އެކު، އަތޮޅު ކައުންސިލްތަކުން ދެމުންދިޔަ ޚިދުމަތްތަކާއި، އެތަންތަނުގެ މުދަލާއި ވަސީލަތްތަކާ ޤާނޫނީ ގޮތުން ހަވާލުވުމުގެ ބާރު އެލްޖީއޭއަށް ވަނީ ލިބިދީފައެވެ. އެހެންކަމުން، ކައުންސިލްތަކަށް ޚާއްޞަ ވަކި ވުޒާރާއެއް ނެތްކަމުގައި ވިޔަސް، މާލީ ވަޒީރުގެ ބެއްލެވުމުގެ ދަށުން އެލްޖީއޭ މެދުވެރިކޮށް ކައުންސިލްތަކުގެ ނިޒާމު އެއްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެއެވެ.

Ads by Allied Insurance