ޚަބަރު

ގައުމު ހަލަބޮލިކޮށް އަމަންނަގާލާ ބަޔަކީ އެމްޑީޕީ: ސައީދު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި ސިޔާސީ ހަމަނުޖެހުންތައް އުފެއްދުމުގެ އެންމެ އިސް މޭސްތިރިއަކީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ތުހުމަތުކުރައްވައިފިއެވެ.

Ads by Allied

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ބޭނުމުގައި ކޮންމެ ފަދަ އަމަލެއް ހިންގަން ވެސް އެ ޕާޓީން ފަހެއް ނުޖެހޭނެއެވެ. މިގޮތުން، ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލުމާއި، މީގެ ކުރިން މާލެތެރޭގައި ހުޅުޖެހުމުގެ އަމަލުތައް ހިންގާފައި ވަނީ ވެސް ސީދާ އެމްޑީޕީގެ އިސްވެރިންގެ އެންގުމުގެ މަތިންކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެ ޕާޓީއަކީ ހަމަނުޖެހުމަށް ލޯބިކުރާ ބައެއްކަން ސާބިތުކޮށްދޭ ގިނަ ހެކިތަކެއް ހުރިކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތްކުރަމުން ދަނީ ރައްޔިތުންގެ އަޑުއަހައިގެން، ވަރަށް ސާފުތާހިރުކަމާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ސަރުކާރުން ފުޅާކޮށް ހުޅުވާލާފައި ވަނިކޮށް، ގައުމުގެ ވަލީއުލްއަމުރުގެ އަބުރުފުޅު ކަތިލުމަށް އިދިކޮޅުން ކުރަމުންދާ މަސައްކަތްތަކަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

ފަހަކަށް އައިސް އެމްޑީޕީ އާއި ޕީއެންއެފް ގުޅިގެން ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް މަގުމަތީގައި ދަނީ ކުރަމުންނެވެ. ނަމަވެސް، މަދު ބަޔަކާ އެކު ކުރިއަށްގެންދާ މި އެއްވުންތަކުގައި ހުތުރު ބަސްމަގު ބޭނުންކޮށް، އާންމު މަސްލަހަތު ނަގާލަން މަސައްކަތްކުރާތީ އާންމުންގެ ފާޑުކިޔުމާއި މަލާމާތް އެ ފަރާތްތަކަށް ވަނީ އަމާޒުވެފައެވެ. ސިޔާސީ މަސްރަހު ހޫނުކުރަން އުޅުނު ނަމަވެސް، މިފަދަ ބޭކާރު ހަރަކާތްތައް ހުއްޓާލުމަށް އެމްޑީޕީގެ އެތެރެއިންނާއި ބޭރުން ގޮވާލާ އަޑުތައް މިހާރު ވަނީ ގަދަވެފައެވެ.

Ads by Allied Insurance