ޚަބަރު

ތެދުވެރި އަދި ޒިންމާދާރު ނޫސްވެރިކަމަކަށް ޖާގަދޭންޖެހޭކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު / ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި ޑިމޮކްރަސީގެ އަސާސްތައް ދެމެހެއްޓުމަށްޓަކައި، ފަންނީ މިންގަނޑުތަކަށް އިހުތިރާމްކުރާ ޒިންމާދާރު ނޫސްވެރިކަމެއް އާލާކުރެވޭނެ ފަހި މާހައުލެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ގޮވާލައްވައިފިއެވެ.

Ads by Allied

މީސްމީޑިއާގެ މަންސަ "އެކްސް" ގައި އެކަމަނާ މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވަނީ، މުޖުތަމައުގައި އަށަގަންނަ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވައި، އާންމު ފަރުދުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި މީޑިއާތަކުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ކުރިއަރުވައި ބިނާކުރުމަށްޓަކައި މިނިވަން މީޑިއާއެއް އޮތުމުގެ މުހިންމުކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ނޫސްތަކާއި ވަކިވަކި ނޫސްވެރިންގެ ފަންނީ ސުލޫކާ މެދު ފުންކޮށް ވިސްނަންޖެހޭކަން ފާހަގަކުރައްވަމުން، ސާޖިދާ ވަނީ ނޫސްވެރިކަމުގެ ހަގީގީ ރޫހާ އެއްގޮތަށް އަމަލުކުރުމަށް ބާރުއަޅުއްވާފައެވެ. މިގޮތުން، ވަކި ފަރާތަކަށް ޖެހުމެއްނެތި ހަގީގަތާ ހަމައަށް ވާސިލުވުމާއި، އާންމުންނާ ހަމައަށް ސައްހަ ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ ނޫސްވެރިކަމުގެ އެންމެ މުހިންމު އެއް ތަނބުކަމުގައި އެކަމަނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ގައުމުގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ރައްޔިތުންނަށް ފެންވަރު ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް ދިވެހި ނޫސްވެރިން ކުރަމުންދާ ބުރަ މަސައްކަތްތަކަށް ތައުރީފުކުރައްވައި، ފަސްޓް ލޭޑީ ވަނީ މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

Ads by Allied Insurance