މި އަހަރުގެ ދިވެހި ޙައްޖު މިޝަންގެ މައްކާ އޮފީހުގެ އިސްވެރިއަކަށް ޝައިޚް އިމްތިޠާއު އައްޔަންކުރައްވައިފި
މި އަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންގެ ކަންކަން ފުރިހަމައަށް އިންތިޒާމުކޮށް ބެލެހެއްޓުމަށްޓަކައި، ސައުދީ އަރަބިއްޔާގެ މައްކާގައި ޤާއިމުކުރާ ދިވެހި ޙައްޖު މިޝަންގެ އޮފީހުގެ އެންމެ އިސްވެރިއެއްގެ މަޤާމަށް، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ދިވެހި ސަރުކާރުން މިއަދު އައްޔަންކުރައްވައިފިއެވެ.
ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާ މީހުންނަށް ދީނީ ގޮތުން އިރުޝާދުދެއްވާ އެންމެ އިސް ޝައިޚެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިންއެވެ. މައްކާގައި ހުންނަ ޙައްޖު އޮފީހަކީ ސައުދީގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާއި ދިވެހި ސަރުކާރާ ދެމެދު ގުޅުން ޤާއިމުކޮށް، ޙައްޖުވެރިންގެ އެންމެހާ ކަންކަން ވިލަރެސްކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާ އިދާރާއެވެ.
ދިވެހި ޙައްޖުވެރިންގެ ކަންކަން ކުރިއާލައި ތައްޔާރުކުރުމަށްޓަކައި 10 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޙައްޖު މިޝަންގެ ޚާއްޞަ ޓީމެއް މާދަމާގެ ވަގުތެއްގައި ސަޢުދީ އަރަބިއްޔާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޓީމުގެ މައިގަނޑު މަސައްކަތަކަށް ވާނީ، ދިވެހިން އެ ޤައުމަށް އެތެރެވުމުގެ ކުރިން ހުރުމާއި ކެއިންބުއިމާއި، ދަތުރުފަތުރުގެ އިތުރުން ސިއްޙީ ފަރުވާގެ އިންތިޒާމުތައް ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފުރިހަމަވެފައިވޭތޯ ބަލައި ޔަޤީންކުރުމެވެ.
ކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މިއަހަރުގެ ޙައްޖުގެ އިންތިޒާމުތައް ކުރިއަށްދަނީ ސައުދީ ޙައްޖު މިނިސްޓްރީން އެކުލަވާލާފައިވާ ތާވަލާ އެއްގޮތަށެވެ. އަދި ދިވެހި ޙައްޖުވެރިން ސައުދީއަށް ދަތުރުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 15ވަނަ ދުވަހުން ފެށިގެންނެވެ.