ޚަބަރު

ސްރީލަންކާގެ ރައީސްގެ ދަޢުވަތަކަށް ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ޚާއްޞަ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދުގެ ވަގުތެއްގައި އެ ޤައުމަށް ފުރާވަޑައިގެންފިއެވެ.

Ads by Allied

މި ހިނގާ މޭ މަހުގެ 3ވަނަ ދުވަހުން ފެށިގެން 6ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ ދޭތެރޭގައި ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން، އިޤުތިޞާދީ އަދި ތަޢުލީމީ ދާއިރާގެ އިތުރުން، ފަންނީ ތަމްރީނު ދިނުމާއި، އިދާރީ ހިންގުމާއި، ސަގާފީ ތަރިކަ ރައްކާތެރިކުރުން ފަދަ މުހިންމު ކަންކަމުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ލަންކާގެ އިސް ވެރިންނާ އެކު ރައީސް މުޢިއްޒު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެއެވެ. އަދި މި އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށްދާނީ ދެ ޤައުމުގެ ރައީސުންގެ ޙާޒިރުގައެވެ.

މީގެ އިތުރުން، ވިޔަފާރީގެ ފުރުޞަތުތައް ފަހިކުރުމަށްޓަކައި ބޭއްވޭ "މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް" ގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. ހަމައެއާ އެކު، އަވަށްޓެރި ސްރީލަންކާގައި ދިރިއުޅެމުންދާ ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޙާލަތު ބައްލަވާލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މުހިންމު ގިނަ ކަންތައްތަކެއް އެކުލެވިގެންވާ މި ދަތުރުފުޅަކީ، 2025ވަނަ އަހަރުގެ ޖުލައި މަހުގެ 28 އިން 30 އަށް ސްރީލަންކާގެ ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅާ ގުޅިގެން ބޭއްވޭ ދަތުރުފުޅެކެވެ. ޚާއްޞަ ގޮތެއްގައި މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ކުރައްވާ ދަތުރުފުޅެކެވެ. ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުންތައް ފެށިފައި ވަނީ 26 ޖުލައި 1965 ގައެވެ.

Ads by Allied Insurance