ޚަބަރު

ރައީސްއާއި ސްރީލަންކާގެ ޚާރިޖީ ވަޒީރު ބައްދަލުކުރައްވައި ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް ވިޖިތަ ހޭރަތު އެމަނިކުފާނުގެ އަރިހަށް މިއަދު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

Ads by Allied

މި މުހިންމު ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ގާއިމުކޮށްފައިވާ 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކުރިމަގުގައި އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، ވިޔަފާރިއާއި، ފަތުރުވެރިކަމުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުން ފަދަ މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮންނަ އަޚުވަންތަ ގުޅުމަކީ އެއްގޮތް އުސޫލުތަކަކާއި ހިއްސާކުރަނިވި މަސްލަޙަތުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި، ދެ ފަރާތަށް ވެސް ލާބައާއި މަންފާ ލިބޭނެ ފަދަ ގޮތަކަށް މި ގުޅުން ކުރިއެރުވުމަށް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުން ވަނީ އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ސްރީލަންކާއަށް މިކުރައްވާ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ޚާއްޞަ ދަޢުވަތަކަށް މެއި މަހުގެ 3ވަނަ ދުވަހުން ފެށިގެން 6ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ތާރީޚީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ދިވެހި ސަރުކާރުގެ އިސް ވަޒީރުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by Allied Insurance