ޚަބަރު

އޭޕްރީލް މަހު މަސްވެރިންނަށް 78 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދޫކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އަށް ފާއިތުވި އޭޕްރީލް މަހުގެ ތެރޭގައި މަސްވެރިން ކިރުވާފައިވާ މަހުގެ އަގުގެ ގޮތުގައި، 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ފަރާތްތަކަށް ޖަމާކޮށްދީފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

Ads by Allied

އެ ކުންފުނިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، ނިމިދިޔަ މަހު އެކަނި ވެސް 4،414 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މި މުއްދަތުގެ ތެރޭގައި 1،068 މަސްދޯންޏަކުން ކިރުވި މަހަށް ޖުމްލަ 78،778،405 (ހަތްދިހަ އަށް މިލިއަން ހަތް ލައްކަ ހަތްދިހަ އަށް ހާސް ހަތަރު ސަތޭކަ ފަސް) ރުފިޔާ ވަނީ ދޫކޮށްފައެވެ.

މި ފައިސާގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށެވެ. އެގޮތުން ކަޅުބިލަމަސް ކިރުވި ފަރާތްތަކަށް 77،660،455 (ހަތްދިހަ ހަތް މިލިއަން ހަ ލައްކަ ފަސްދޮޅަށް ހާސް ހަތަރު ސަތޭކަ ފަންސާސް ފަސް) ރުފިޔާ ދޫކޮށްފައިވާއިރު، ބޮޑުކަންނެލީގެ މަސްވެރިންނަށް ވެސް ބޮޑު އަދަދެއް ދީފައިވެއެވެ. 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 196 ދޯންޏަކަށް 1،002،350 (އެއް މިލިއަން ދެ ހާސް ތިން ސަތޭކަ ފަންސާސް) ރުފިޔާ އަދި 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 91 ދޯންޏަކަށް 115،600 ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ.

މަސްވެރިންނަށް ފައިސާ ނުލިބި ދިގުލައިގެންދާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ ނިޒާމެއް 2024ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު ގާއިމުކޮށްދެއްވާފައެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުރީގެ ސަރުކާރުން ނުދީ އޮތް 250 މިލިއަނެއްހާ ރުފިޔާވެސް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ވަނީ ދައްކައި ޚަލާޞްކޮށްފައެވެ. މި ހަރުދަނާ ބަދަލާ އެކު، މަސްވެރިކަމުގެ ސިނާޢަތަށް ދިރުން ލިބި، މަސް ކިރުވާ މިންވަރާއި ބޭރުކުރާ ނިސްބަތް ވަނީ އިތުރުވެފައެވެ.

Ads by Allied Insurance