ޚަބަރު

ގައުމީ އެއާލައިންގެ ދަތުރުތަކުގައި ބަނގުރާ ވިއްކަން އުޅޭކަމަށް ފެތުރޭ އަޑުތައް ދޮގުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މޯލްޑިވިއަންގެ ފްލައިޓުތަކުގައި ފަސިންޖަރުންނަށް ބަނގުރާ ވިއްކަން ތައްޔާރުވަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ އެ ކުންފުނީގެ އަގުވައްޓާލުމުގެ ބޭނުމުގައި ބަޔަކު ފަތުރަމުންދާ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއްކަން ގައުމީ އެއާލައިނުން މިއަދު ހާމަކޮށްފިއެވެ.

Ads by Allied

އެ ކުންފުނިން މިއަދު ނެރުނު ރަސްމީ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެތެރޭގެ އަދި ބޭރުގެ އުދުހުންތަކުގައި ވެސް ބަނގުރާ ހިމެނޭގޮތަށް އޯލް އިންކްލޫސިވް ޕެކޭޖުތަކެއް ތައާރަފުކުރަން އުޅޭކަމަށް ބުނެ ފަތުރަމުންދާ ހަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، އެފަދަ އެއްވެސް ހިދުމަތެއް ދިނުމުގެ ވިސްނުމެއް އަދި ރޭވުމެއް ވެސް ނެތް ކަމަށެވެ.

ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ބަޔާންކުރާ ގޮތުން، އާންމު ރައްޔިތުން ދިރިއުޅޭ ރަށްރަށާއި، ދިވެހިން އާންމުކޮށް ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި ބަނގުރާ ބޭނުންކުރުމާއި ވިއްކުމަކީ މަނާކަމެކެވެ.

މިފަދަ ސައްހަ ނޫން މައުލޫމާތުތަކުގެ ސަބަބުން ކުންފުންޏާމެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރު ގެއްލި ނުތަނަވަސްކަން އުފެދުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، ކަށަވަރުނުކުރެވޭ ދޮގު ހަބަރުތައް ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތަކުގައި ނުފެތުރުމަށް މޯލްޑިވިއަން އިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކުންފުނީގެ ހިދުމަތްތަކަށް ގެނެވޭ ބަދަލުތަކާއި ސިޔާސަތުތައް އަބަދުވެސް ރަސްމީ ޗެނަލްތައް މެދުވެރިކޮށް ހިއްސާކުރަމުން ގެންދާނެކަމުގެ ޔަގީންކަން ދެމުން، ދިވެހިންގެ އިތުބާރު ހޯދާފައިވާ އެއާލައިނުން ވަނީ މިވަގުތު އެއްވެސް ސިޔާސަތަކަށް ބަދަލު ނުގެންނަކަން ތަކުރާރުކޮށްފައެވެ.

Ads by Allied Insurance