ޚަބަރު

ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް 7 އެއްބަސްވުމެއްގައި ސޮއިކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކެގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 3 އިން 6 އަށް އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ޚާއްޞަ 7 ފަހުމުނާމާއެއް ބަދަލުކުރައްވައިފިއެވެ.

Ads by Allied

މި އެއްބަސްވުންތައް ބަދަލުކުރުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ކުރިއަށްދިޔައީ ރާއްޖެއާއި ލަންކާގެ ރައީސުންގެ ހާޒިރުގައެވެ. ދެ ޤައުމުގެ ދެމެދުގައި މައިގަނޑު ގޮތެއްގައި ސޮއިކުރެވުނީ ފަތުރުވެރިކަމާއި، ތަޢުލީމީ ދާއިރާގެ އިތުރުން ދިފާޢީ ރޮނގުން ގުޅުން ބަދަހިކުރުމުގެ ލިޔެކިޔުންތަކުގައެވެ. މީގެ އިތުރުން ކުޅިވަރާއި ޒުވާނުންގެ ކުރިއެރުމާއި، އަރުޝީފުކުރުމާއި، މުދައްރިސުންނާއި ސްކޫލްތަކުގެ އިސްވާރުން ތަމްރީނުކުރުމާއި އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކުރުމުގެ ދާއިރާވެސް މި ފަހުމުނާމާތަކުގެ ތެރޭގައި ހިމެނެއެވެ. މި ރަސްމިއްޔާތަށްފަހު ދެ ޤައުމުގެ ލީޑަރުން ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވައި، ރާއްޖެއާއި ލަންކާއާ ދެމެދު އޮންނަ ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރާއްޖޭގެ ފަރާތުން ގިނަ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާއި، އަރުޝީފުކުރުމާއި، ތަޢުލީމީ ފަންނީ ތަރައްޤީގެ އެއްބަސްވުން ހިމެނޭއިރު، ލަންކާގެ ފަރާތުން މި ލިޔުންތަކުގައި ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރަތުއެވެ. އަދި ކުޅިވަރާއި ޒުވާނުން ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ލަންކާގެ ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު ސުނިލް ކުމާރަ ގަމަގެއާއެކު ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީވެސް ވަޒީރު އިރުތިޝާމްއެވެ.

ދިފާޢީ އަދި މަތީ ތަޢުލީމުގެ ދާއިރާއިން އެކުލަވާލި 3 ފަހުމުނާމާއެއްގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދުއެވެ. އެގޮތުން، ދިފާޢީ ގުޅުން ބަދަހިކުރުމުގެ ލިޔުމުގައި ލަންކާގެ ދިފާޢީ ވުޒާރާގެ ސެކްރެޓަރީ އެއަރ ވައިސް މާޝަލް (ރިޓަޔާޑް) ސަމްޕަތު ތުޔަކޮންތާ ސޮއިކުރެއްވިއިރު، ދިފާޢީ ދާއިރާގެ ތަޢުލީމާއި ދިރާސާގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސަރ ޖޯން ކޮތެލާވާ ޑިފެންސް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ރިއަރ އެޑްމިރަލް އެޗް.ޖީ.ޔޫ ދައްމިކާ ކުމާރާއެވެ. ހަމައެއާއެކު، މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމުގެ އެއްބަސްވުމުގައި ލަންކާގެ ފަރާތުން ސޮއިކުރެއްވީ ކޮލަމްބޯ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ އިންދިކާ މަހޭޝް ކަރުނަތިކަލަކެއެވެ.

Ads by Allied Insurance