ޚަބަރު

ރާއްޖެއާއި ސްރީލަންކާގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ރަމްޒީ ގަހެއް އިންދަވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ކޮލަމްބޯގެ ވިހާރަމަހާދޭވީ ޕާކުގައި ރަމްޒީ ގަހެއް އިންދަވައިދެއްވައިފިއެވެ.

Ads by Allied

ރައީސް ޑރ. މުޢިއްޒު މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ވިދާޅުވީ ލަންކާގެ ރައީސް ޑިސަނާޔަކެއެވެ. މި ޚާއްޞަ ރަސްމިއްޔާތުގައި ދެ ޤައުމުގެ އެންމެ އިސްވެރިން އިންދަވާފައިވަނީ ސްރީލަންކާގެ ތިމާވެއްޓަށް ޚާއްޞަ، އަދި ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ ގަހުގެ ބާވަތެއް ކަމަށްވާ "ހޯސްފީލްޑިއާ އިރީއޫގެޑީ" އެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ރަމްޒީ ހަރަކާތުން ދައްކުވައިދެނީ ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ބަދަހި އެކުވެރިކަމާއި ތާރީޚީ ސިޔާސީ ގުޅުމެވެ. ހަމައެއާއެކު، މިއީ އަންނަން އޮތް ޖީލުތަކަށްޓަކައި ތިމާވެށި ދެމެހެއްޓުމަށް ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ނިޝާނެއް ކަމުގައިވެސް ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތަކީ ރައީސުލްޖުމްހޫރިއްޔާ މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ރަސްމީ އެޖެންޑާގައި ހިމެނޭ މުހިންމު އެއް ހަރަކާތެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، ފައިދާހުރި ގިނަ ދާއިރާތަކަކުން އެއްބާރުލުން އިތުރުކުރުމެވެ.

ސްރީލަންކާއާއި ރާއްޖެއާ ދެމެދު ރަސްމީ ސިފައެއްގައި ސިޔާސީ ގުޅުން ޤާއިމުކުރެވިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެ ފަހުން ވޭތުވެދިޔަ ދިގު މުއްދަތުގައި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ވަނީ އުޚުއްވަތްތެރި، ގާތް އަދި އިޙްތިރާމް އެކުލެވިގެންވާ ގުޅުމެއް ބިނާކުރެވިފައެވެ.

Ads by Allied Insurance