ތިލަމާލެ ބްރިޖު ނިމޭއިރު އަޑިގުޑަންތަކެއް ނުހުންނާނެކަމުގެ ޔަޤީންކަން ދީފި
ތިލަމާލެ ބްރިޖް މަޝްރޫޢު ފުރިހަމަވެގެން އަންނައިރު އެއްވެސް ކަހަލަ އަޑިގުޑަންކަމެއް ނުހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ދެއްވައިފިއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ، ބްރިޖުގެ އަމަލީ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަންއާއެކު އެ ސައިޓަށް ކުރެއްވި ޚާއްޞަ ޒިޔާރަތުގެ ތެރެއިން ދެއްވި އިންޓަވިއުއެއްގައެވެ. މި ދަތުރުފުޅުގައި، މަސައްކަތުގެ ކޮންޓްރެކްޓަރ ކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗަރގެ އިސްވެރިންނާ ބައްދަލުކުރައްވައި، މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ވަނީ އޮޅުންފިލުއްވާފައެވެ.
މިދުވަސްވަރު މީސްމީޑިއާގައި އާންމުވެފައިވާ ބައެއް ފޮޓޯތަކާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ރައްދުދެއްވަމުން ޑރ. މުއްތަލިބު ވިދާޅުވީ، ދުރުން ބަލާއިރު ބްރިޖު ގުދުވެފައި ނުވަތަ އަޑިގުޑަން ހުރިކަމަށް ހީވިނަމަވެސް، އެއީ ލޮލަށް ފެންނަ އޮޅުމެއް ނުވަތަ އިލޫޝަންއެއް ކަމަށެވެ. އަދި މި ބިނާއަކީ ދުރާލާ ފަރުމާކުރެވި، ފުރިހަމަ އިންޖިނިއަރިންގެ މިންގަނޑުތަކަށް ފެތޭގޮތަށް ބައިބައި ގުޅުވައިގެން ރާވާ ނިޒާމެއްކަން ފާހަގަކުރެއްވިއެވެ. ވަޒީރު ސިފަކުރެއްވި ގޮތުގައި، ލެގޯ ގުޅުވާ އުޞޫލުން ސެގްމެންޓުތައް އަމުނަމުންދާއިރު، ކޮލިޓީގެ އެއްވެސް މައްސަލައެއް ނުނިކުންނާނެއެވެ. އަދި އޭގައި މައްސަލައެއް އުޅޭނަމަ އެ ބައިތައް އެއްވަރަކަށް ގުޅުވައި ނުލެވޭނެކަމަށްވެސް އެމަނިކުފާނު ތަފްޞީލުކޮށްދެއްވިއެވެ.
މިހާރުވެސް ބްރިޖުގެ ބޮޑު ބައެއްގެ އަމަލީ މަސައްކަތް ނިމިފައިވާއިރު، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކޮންޓްރެކްޓަރާއި އިންޑިއާ ސަރުކާރާ ގުޅިގެން ވީހާވެސް ހަލުވި ދުވެއްޔެއްގައި މަޝްރޫޢު ނިންމާލުމެވެ. މިގޮތުން 2027ވަނަ އަހަރު ނިމުމުގެ ކުރިން ތިލަފުއްޓާ ހަމައަށް ބްރިޖު ގުޅާލައި، އާންމު ދަތުރުފަތުރަށް ހުޅުވާލުމަކީ ސަރުކާރުގެ އުންމީދެއްކަމުގައި ޑރ. މުއްތަލިބު ވިދާޅުވިއެވެ.