ޚަބަރު

ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ހުޅުވަން ތައްޔާރުވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސެސް(އެސްއޯއީ) ކޮމިޓީގައި މައުލޫމާތު ހިއްސާކުރައްވަން ބޭއްވުނު ބައްދަލުވުން / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި އާންމުވެފައިވާ ބޭހުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި، ދައުލަތުގެ ބޭސް ކުންފުނި (ސްޓޭޓް ފާމާ) ގެ ފުރަތަމަ ފާމަސީ އަންނަ ހަފުތާގެ ތެރޭގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހުޅުވުމަށް ނިންމައިފިއެވެ.

Ads by Allied

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސެސް(އެސްއޯއީ) ކޮމިޓީގައި މައުލޫމާތު ހިއްސާކުރައްވަމުން، ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. މުޙައްމަދު ޝާހު މާހިރު ވިދާޅުވީ، އަހަރުތަކެއް ވަންދެން އަޅާނުލެވި އޮތް ބޭހުގެ މައްސަލަތައް ހައްލުކުރުމަށް މިހާރު އަމަލީ މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ. މިގޮތުން، އައިޖީއެމްއެޗްގައި އަލަށް ގާއިމުކުރާ ފާމަސީ މެދުވެރިކޮށް، ރާއްޖެއިން ލިބެން ހުންނަ އެންމެހާ ބޭސްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) އިން ކުރަމުން އައި ބޭސް އެތެރެކުރުމުގެ މަސައްކަތް، މި ހިނގާ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ ސްޓޭޓް ފާމާގެ ދަށަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން، އަންނަ ޖުލައި މަހުން ފެށިގެން އެސްޓީއޯގެ ހުރިހާ ފާމަސީތަކެއްވެސް ސްޓޭޓް ފާމާގެ ހިންގުމުގެ ދަށަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލާ އެކު، މުޅި ރާއްޖޭގައި ހުރި ފާމަސީތަކުގެ ސްޓޮކް އެއް ވިއުގައަކުން ބަލަހައްޓައި މޮނިޓަރ ކުރެވޭނެ ސެންޓްރަލް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ބޭހުގެ ދަތިކަން ނިމުމަކަށް ގެނައުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ސްޓޭޓް ފާމަސޫޓިކަލް ކޮމްޕެނީ އުފެއްދެވީ ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ފާއިތުވި ދުވަސްތަކުގައި އެ ކުންފުނިން ވަނީ އިދާރީ އޮނިގަނޑު އެކުލަވާލުމާ އެކު، ބޭސް ލިބުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި ދިރާސާތަކެއް ކޮށްފައެވެ. އަދި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުނީގެ އޮޕަރޭޝަންތައް ފުރިހަމައަށް ހިނގައިގަނެ، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ ޔަގީންކަން ސްޓޭޓް ފާމާއިން ވަނީ ދީފައެވެ.

Ads by Allied Insurance